ރާއްޖޭގައި ބޭރު މީހުން އާބާދު ކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ސަރުކާރަކުން ނުގެންގުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު އެހެން ވިދާޅުވެފައި ވަނީ އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް" އިން ޝާއިއު ކޮށްފައިވާ ލިޔުމަކާ ގުޅިގެންނެވެ. އެގޮތުން އެލިޔުމުގައި ވަނީ ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެނޫހަށް ލިބިފައިވާ ކަމަށެވެ.

އެވާހަކަ ދޮގުކުރައްވަމުން ހޫދު ވިދާޅުވި އެއީ ދޮގެއް ކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފައި ނޯންނާނެ ކަމަށެވެ. އަދި އެއީ ދުވަހަކު ކުރާނެ ކަމަށް ނޫން ކަމަށް ވެސް ހޫދު ވަނީ ވިދާޅުވެފައެވެ.

"ދިޔަރެސް" ގައިވާ ލިޔުމުގައި ބުނާގޮތުން ދައްޕަރުގައި ވިލާތަކެއް އެޅުމަށް ފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ދިނުމަށް ހުށަހަޅާފައިވާ ކަމަށާއި އެތަންތަނުގެ މިލްކުވެރިންނަށް، އެމީހުންގެ އާއިލާ އަދި ރަށްޓެހިންވެސް އެތަންތަނަށް ގެނެވޭނެ ފަދަ ގޮތަކަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ވެސް އެނޫހުގައި ޝާއިއު ކޮށްފައިވާ ލިޔުމުގައި ވަނީ ބުނެފައެވެ.