ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫންކަމަށް މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާނު އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާއްމުކުރެއްވި ތަހުނިޔާގެ މެސެޖްގައެވެ.

ވީޑިއޯ މެސެޖްގައި މިނިސްޓަރު ވިދާޅުވީ ދިވެހިންގެ ތާރީހަށް ބަލާއިރު ދިވެހިން ގިނަ ޒަމާންތައް ހޭދަކޮށްފައި ވަނީ މިނިވަންކަން މަތީގައި ކަމަށެވެ. އަދި އިންސާނުންގެ އުފާފާގަތިކަމާއި، އަބުރުވެރިކަމާއި، ހިތްހަމަޖެހުން ބިނާވެފައިވަނީ މިނިވަންކަމުގެ އަގުހުރި ޖައުހަރުގެ މައްޗަށްކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިވަންކަމަކީ އިންސާނުންނަށް މާތްﷲ ދެއްވާ ވަރަށް އަގުބޮޑު ނިއުމަތެއް ކަމަށާއި، މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަން ކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަދުގެ ހާލަތަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިނިވަންދުވަސް ބައްދަލުކުރީ ގޭބަންދާއި، ރަށުބަންދާއި، ތަފާތު އެކިއެކި ބަންދުތަކުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ އިހުސާސް ކުރެވެމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި އިގްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ކުރިމަތިވާ ބޮޑެތި ދަތިތައްވެސް މިއަދު ތަހައްމަލު ކުރަމުން ދާކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އަޅުގަނޑު އެދެނީ އަޅުވެތިކަމާ ދެކޮޅަށް ކާބަފައިން ކުރައްވާފައިވާ އަގުހުރި ޖިހާދުގެ މަތިން ހަނދުމަކޮށް ކޯވިޑް19 ގެ ދަތިހާލަތުން އަރައިގަތުމަށް ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދާއެކު ހުރިހާ އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް
އިމްރާން އަބްދުﷲ

މިނިސްޓަރު ވަނީ މިނިވަން ދުވަހުގެ އުފާވެރި ތަހުނިޔާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ހުރިހާ ދިވެހި ރައްޔިތުންނަށް ފޮނުވާފައެވެ.