ދިވެހިންގެ އަތުން މިނިވަންކަން ގުޑުވާލެވޭނެ ބާރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާ މުހާތަބު ކުރައްވަމުން ނަޝީދު ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށް ޓަކައި ދިވެހިން އަބަދުވެސް އަމަލު ކުރަން ޖެހޭނީ ބުއްދިވެރިކަމާ އެކުގައި ކަމަށާއި އިންޑިއާ ކަނޑުގެ އައްސޭރިން ބޭރުން ކަނޑުގެ ތެރެއަށް ބަޔަކު އަތްގަދަ ކުރަން އުޅުނު ނަމަވެސް ދިވެހިން މިކަނޑައަށް އަތްގަދަކުރާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގެ މައްޗަށް ބާރުފޯރުވާން އުޅުނު އެއްވެސް ބަޔަކަށް އެކަން ކުރެވިފައި ނުވާ ކަމަށެވެ.

ދިވެހިންގެ މިނިވަން ކަން އިރާދަކުރެއްވިއްޔާ ދިވެހިން އަބަދުވެސް ދަމަހައްޓާނެ، އަޅުގަނޑުގެ ހިތުގައި އެ ކަމާ ޝައްކެއް ނުއުފެދޭ، ދިވެހިންގެ އަތުން މި މިނިވަންކަން ގުޑުވާލެވޭނެ ވަކި އިތުރު ބާރެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ
ރައީސް މުހައްމަދު ނަޝީދު

އޭގެ އިތުރުން ނަޝީދު ވިދާޅުވީ އައިސިސް ޖަމާއަތުން ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއަކީ އެމީހުންގެ ދައުލަތުގެ ތެރޭގައި ހިމެނޭ ބަޔަކަށް ހެދުމުގެ ގޮތުން ރާއްޖޭގައި އެމީހުންގެ ނެޓްވޯކު ހިންގާ ކަމަށެވެ. އަދި އެއީ މިހާރު ރާއްޖޭގެ އިދާރާތަކަށް ސާފުވާ ކަމެއް ކަމަށް ވެސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެން ނަމަވެސް ރައްޔިތުންނާއި ސިފައިން މިނިވަންކަން ދޫނުކުރާނެ ކަން ކަށަވަރު ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން، އަޅުގަނޑުމެންގެ ސިފައިން މިތިބީ އަލޫގަނޑަށް ޔަގީން ކަށަވަރު ރާއްޖޭގެ މިނިވަން ކަން ކުޑަ މިންވަރަކަށް ވެސް ދޫކުރާކަށެއް ނޫން، އިރާދަ ކުރެއްވިއްޔާ އިންޑިއާ ކަނޑުގައި ދިިވެހިން އަބަދުވެސް ދެމިތިބޭނީ ވަރުގަދަ ކަމާ އެކީގައި"
ރައީސް މުހައްމަދު ނަޝީދު

ޖުލައި 26، 1965 ވަނަ ދުވަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބުނު އިރު، ރާއްޖޭގެ ތާރީހުން ފެންނަން އޮތީ ފެށުނީއްސުރެ ރާއްޖެއަކީ މިނިވަން ގައުމެއް ކަމުގައެވެ.

ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ގެއްލިގެން ގޮސްފައި އޮތީ، އެންމެ ދެ ފަހަރެވެ. އެއީ މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށް ވެރިކަން ހިންގި ދުވަސްވަރާއި، އޭގެފަހުން ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފައި އެމީހުންނަށް މި ގައުމުގައި ތިބެވުނު ދުވަސްކޮޅެވެ.