މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައި ވާއިރު މާލޭގައި އޮތް އެ ހާއްސަ އިހްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.
މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ އެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަުބާ ދެންނެވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދުދީދީ އާއި، މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ.
އެރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކޮށްފައި ވެއެވެ. އިސްވެ މި ދުއާ ކޮށްދެއްވާފައި ވަނީ މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ (އިސްލާމީ މަރުކަޒު) ގެ އިމާމް ޝައިހް ނަސްރުﷲ އަލީއެވެ.
އެ އިހްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިނިވަން ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސް ވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.