އާސަންދައިގެ ފަރާތުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ބޭސް ފަރުވާ ކުރަން ދިޔަ 3 މީހަކު މަރުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އާސަންދައިން ބުނީ، އިންޑިއާއަށް ބޭސްފަރުވާއަށް ފުރި މީހުންގެ ތެރެއިން 3 މީހަކު މަރުވެފައިވާ ކަމަށާއި އެ ތިން މީހުންނަކީ ވެސް ރާއްޖެއިން ފުރި އިރު ވެސް އުންމީދު ކަނޑާލާފައިވާ ބަލި މީހުން ކަމަށެވެ. އަދި އެމީހުންނަކީ ކޮވިޑް ޖެހިފައިވާ ބަލިމީހުން ނޫން ކަމަށް އާސަންދައިން ބުނެއެވެ.

މި ތިން މީހުންނަކީ ވެސް އަމްރިތާ ހޮސްޕިޓަލަށް ދިޔަ ބަލި މީހުން ކަމަށްވެސް އާސަންދައިން ބުނެއެވެ.

މި މަހުގެ މެދެއްހާ ހިސާބުގައި އިންޑިއާއަށް ބޭސްފަރުވާއަށް ދެވަނަ ފްލައިޓެއް ފުރާފައިވާ އިރު އެ ފްލައީޓުގައި 59 ދިވެހިން ވަނީ ދަތުރުކޮށްފައެވެ. އޭގެތެރެއިން 49 ދިވެހިން ގޮސްފައިވަނީ އަމްރިތާ ހޮސްޕިޓަލަށެވެ. ބާކީ 10 ދިވެހިން ގޮސްފައި ވަނީ ކިމްސް ހޮސްޕިޓަލަށެވެ.

އަމްރިތާ ހޮސްޕިޓަލަށް ބޭސްފަރުވާއަށް ދިޔަ 3 މީހަކު މަރުވެފައިވާއިރު، އެ ހޮސްޕިޓަލަށް ދިޔަ ދިވެހިންގެ ތެރެއިން (ބަލި މީހުންނާއި އެހީތެރިންގެ ތެރެއިން) 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އެމީހުން ވަކިން ކަރަންޓީނުކޮށް ބައެއް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރިތާ ހޮސްޕިޓަލުގައި އިތުރަށް ކަރަންޓީނު ކޮށްގެން ފަރުވާ ދެވޭނެ ޖާގަ ނެތް ކަމަށް ވެސް އާސަންދައިން ބުނެފައި ވެއެވެ.