ކ. މާފުށިން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ނައިބް ރައީސް ނަޝީދާ އާދަމް ވިދާޅުވީ އެ ރަށު ހޯމް ކަރަންޓީންގައި ހުރި 18 އަހަރުގެ އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ މާލެއިން އެރަށަށް ގޮސް އެއް ގެއެއްގައި ކަރަންޓީން ވެގެން ތިބި ދެ އާއިލާއެއްގެ 11 މެންބަރުންގެ ތެރެއިން އެކަކު ކަމަށެވެ.

ނަޝީދާ ވިދާޅުވީ ޕޮޒިޓިވްވި އަންހެން މީހާއާ އެއް ގެއްގައި ކަރަންޓީން ވެގެން ތިބި ބާކީ އެހެން އެންމެންގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އަދި ޕޮޒިޓިވްވި އަންހެން މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ރަށުތެރެއިން އިތުރު މީހަކު އެމީހާއާ ކޮންޓެކްޓް ވެފައި ވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީންގެ 14 ދުވަސް ހަމަކޮށް ނެގި ސާމްޕަލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެޗްއީއޯސީން ބުނީ ޕޮޒިޓިވްވި އަންހެން މީހާ މިހާރު ވަނީ ކަރަންޓީންގައި އެކަހެރި ކުރެވިފައި ކަމަށެވެ.

މާފުށިން ކޮވިޑަށް ޕޮޒިޓިވް ކޭސް އެއް ފެނިފައިވާ އިރު، ރޭ ވަނީ ޅ.ކުރެންދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އިއްޔެ ވަނީ ބ. އޭދަފުށީ ހޯމް ކަރަންޓީންގައި ހުރި ދެމީހަކު ވެސް ޕޮޒިޓިވް ވެފައެވެ.

ރާއްޖެ ނިއު ނޯމަލް އަށް ހުޅުވާލަައި ލޮކްޑައުން އަށް ދިން ލުއި ތަކަަށް ފަހު ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ހާއްސަ ކޮށް ދިވެހިންގެ އަދަދު ގިނައެވެ. އަދި ރަށްރަށަށް ކަރަންޓީނަށް ދާ ބައެއް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ.