ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ ކެންޔާ އަންހެން މީހެއް ކަމަށްވާ ޕޯލިން ޑުޓާ ގެޝޮރޯއާ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށް ޕޯލިންގެ ލޯޔަރުން ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޕޯލިންއަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލާއާ ގުޅިގެން އޭނާ ތަމްސީލު ކުރާ ލޯ ފާމް، ރިޒާ އެންޑް ކޯ ލޯ ފާމުން ނެރުނު ނޫސްބަޔާނުގައެވެ. އެގޮތުން މި ފާމުގެ ފަރާތުން މި މައްސަލާގައި އޭނާ ތަމްސީލު ކުރާނީ ޝަފީއާ ރިޒާ އަދި ނޫރުބާން ފަހުމީ ކަމަށް އެ ފާމުން ބުނެއެވެ.
އެ ފާމުން ނެރުނު ނޫސްބަޔާނުގައި ބުނީ މިދިޔަ ބުދަ ދުވަހު މެންދުރު އޮންލައިންގައި ޝާއިއުކޮށްފައިވާ ނޫސް ބަޔާނުގައި ބަޔާންކޮށްފައިިވާ އާޒިމާ ޝަކޫރަކީ ޕޯލިން އެއްވެސް ވަރަކަށް ދަނަން ފަރާތެއް ނޫން ކަމަށެވެ. އަދި އާޒިމާއާ ޕޯލިންއާ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި، އެ ނޫހުން ޕޯލިނާ ހަވާލާދީ ޝާއިއުކޮށްފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ކަމަށް އެ ފާމުން ބުނެއެވެ.
އެ ފާމުން ވަނީ ޕޯލީނަށް ކުރިމަތިވެފައިވާ އަނިޔާވެރި ހަލަތަށް ރިއާޔަތްކޮށް، އޭނާއާށް އުނދަގޫވެދާނެފަދަ ނުވަތަ އިތުރަށް އަނިޔާ ލިބިދަނެފަދަ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ސީދާ ނުވަތަ ނުސީދާ ގޮތުން ވެސް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޕޯލިންގެ ޒާތީ ދިރިއުޅުމުގެ ހައްގަށް އިހްތިރާމް ކުރުމަށް ވެސް އެ ފާމުން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ފާމުން ނެރުނު ނޫސް ބަޔާނުގައި ވަނީ މި މައްސަލައާ ގުޅޭގިތުން ޕޯލީނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ސިފައެއްގައި ޝާއިއު ކުރުމުގެ ކުރިން އެ ފާމުގެ ހުއްދަ ހޯދުމަށް މީޑިއާތަކުގައި އެދިފައެވެ. އަދި ހުއްދަނެތި އެއްވެސް މައުލޫމާތެއް ޝާއިއުކޮށްފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެ ފާމުން ބުނެއެވެ.
މީގެ އިތުރުން އެ ނޫސްބަޔާނުގައި ބުނީ ޕޯލިންއާ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކުރަންވާނީ އޭނާގެ ވަކީލުންގެ ހާޒިރުގައި، ވަކީލުންގެ ބައިވެރިވުން ހިމަނައިގެން ކަމަށް ފުލުހުންނަށާއި، ޖެންޑާ މިނިސްޓްރީއަށާއި، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށާއި ރައްޔިތުންގެ މަޖިލީހަށް އަދި އެޗްއާރްސީއެމްގެ އިތުރުން އެންއައިސީއަށް ރަސްމީކޮށް އަންގާފައިވާނެ ކަމަށެވެ.
ޕޯލިންއާ އާޒިމާއާ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށް އޭނާގެ ވަކީލުން ބުނެފައިވާއިރު،
އާޒިމާގެ ނަން ބޭނުންކޮށްގެން މެންދުރު އޮންލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަފާރީ އެއްގައި ރޭޕް ކޮށްގެން އުޅޭކަމަށާއި، ސީދާ ވިކްޓިމް ގެ ފަރާތުން (އެ ނޫހަށް) ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މައުލޫމާތު ދިން އަދި ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށް ފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަނގޫވާނޭ ކަމަށްބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިން އަށް ކިޔައިދިނީ ދިވެހިބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ކަމަށެވެ.
މެންދުރު އޮންލައިނުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ، ސަފާރީ ކޭސް އާ ގުޅިގެން ވިކްޓިމްގެ ރެކޯޑިންވެސް އޮތް ކަމަށާއި، ކަން ހިނގާ ދިޔަ ގޮތް ގެނެސްދިނީ ތެދަށް ކަމަށެވެ. އަދި ސަފާރީގައި ހިނގީ ރޭޕެއް ކަމަށް ބުނެ "ފިލްމެއްގެ މަންޒަރުތައް ސިފަ ކުރާ ގޮތަށް ކޮށް" ކިޔައި ދީފައި ވެއެވެ. އޭގެ އިތުރުން އެ ހާދިސާގެ ވާހަކަ ލިޔެގެން، ބިރުދައްކަން އެކިފަރާތްތަކުން ގުޅާ ކަމަށްވެސް ލިޔެފައި އޮތެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، މެންދުރު އޮންލައިން އަކީ ދެނެވަޑައިގަންނަވާ ނޫހެއްވެސް ނޫން ކަމަށާއި، އެމީހުން (މެންދުރު އޮންލައިން) އާޒިމާގެ ނަން ބޭނުން ކުރަން ޖެހުނު ސަބަބެއްވެސް އަދި ގޮތެއްވެސް އެނގިވަޑައި ނުގަންނަވާކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ، ކުރިން މެންދުރު އޮންލައިނުން ވިކްޓިމްގެ ރެކޯޑިން އޮތް ވާހަކަ ބުނެފައި ވާއިރު، އޭނާގެ ރެކޯޑިންވެސް އޮންނަން ވާނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން ދައުވާ ކުރައްވާނެ ކަމަށް އޭނާ ރޭވެސް ވިދާޅުވިއެވެ. އެގޮތުން އޭނާ ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.