ކީސްޓޭޖް 3 ނުވަތަ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންގެ ކިޔެވުން އަންނަ މަހު 16 ވަނަ ދުވަހު ފެށޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާންކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގްރޭޑް 7،8 ގެ ދަރިވަރުންގެ ކިޔެވުން އަންނަ މަހު 16 ވަނަ ދުވަހު ފެށުމަށް ނިންމާފައި ވަނީ މިހާރު ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ހާލަތަށް ބަލާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފައާއެކު ކަމަށެވެ.
ކޮވިޑް-19ގެ ސަބބަުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު އަލުން ކިޔަވައިދޭން ފަށާފައި ވަނީ މިމަހު 1 ވަނަ ދުވަހެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.
މިމަހު 1 ވަނަ ދުވަހު މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ.
ގްރޭޑް 7،8 ގެ ދަރިވަރުންގެ ކިޔެވުން އަންނަ މަހު 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ދަރިވަރުން ސްކޫލަށް ދާއިރު އަޅާ މާސްކަކީ ޔުނިފޯމްގެ ބައެއް ގޮތަށް ދެކެވަޑައިގަންނަވާ ކަމަށް ވަނީ ނިންމާފައެވެ. ސްކޫލްތަކަށް ކުދިން ވައްދަނީ ސްކޫލްގެ ގޭޓް ކައިރިން ކުއްޖާގެ ހުން ބެލުމަށް ފަހުއެވެ. އަދި ޓީޗަރުންނާއި، ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ސްކޫލުގެ ގޯތި ތެރެއަށް ވަދެވޭނީ މާސްކް އަޅައިގެންނެވެ.
އިތުރު ދަރިވަރުންތަކެއްގެ ކިޔެވުން ފަށާފައިވާއިރު، މާލެ ސަރަހައްދުގެ ސްކޫލުތަކުން ދަނީ މަދުން ނަމަވެސް ކޮވިޑްގެ ކޭސްތައް ފެންނަމުންނެވެ. މިކަމާ ގުޅިގެން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ކުޑަ ކުދިން އިތުރުވި ނަމަވެސް އެ ބަލި އެ ކުދިންނަށް ޖެހެނީ ސްކޫލްގެ ތެރެއިން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ސްކޫލްތަކުގައި ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށާއި އެހެން ކަމުން ސްކޫލްތަކުން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.