ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ގާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް އަރުވައިފިއެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ގާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރައްވަން ފައްޓަވައިފި ކަމަަށް ރައީސްގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ވަނީ ދެ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. އެއީ މަރުތަކާއި ގެއްލިފައިވާ މީހުންނަށް އިންސާފު ހޯދުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނާއި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލި ކޮމިޝަނެކެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދި އެ ދެ ކޮމިޝަނުން ދަނީ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. މިހާތަނަށް އެ ދެ ކޮމިޝަނަށްވެސް އެ މަސައްކަތުގައި މާބޮޑު ކުރިއެރުންތަކެއް ހޯދިފައިނުވާއިރު މަރު ކޮމިޝަނުން އެކުލަވާލި ބައެއް ރިޕޯޓްތައް މަޖިލީހާ ހިއްސާ ކުރުމާއެކު އެ ރިޕޯޓްތައް އާންމުވެ ތަހުގީގުގެ ސިއްރުތަކެއް ވަނީ އާންމުވެފައެވެ.
އެކަމާއި ގުޅިގެން ތުހުގީގަށް ހުރަސްތަކެއް ކުރިމަތިވެ ގިނަ ބައެއްގެ ފާޑުކިއުންވެސް ވަނީ އެ ދެ ކޮމިޝަނަށާއި މި ސަރުކާރަށް އަމާޒުވެފައެވެ.