ޏ. ފުވައްމުލަކު ގެ ފަރިކެޑެ ސަރަހައްދު ހިމާޔަތް ކުރާ ސަރަހައްދެއް ކަމުގައި ހަމަޖައްސައިފިއެވެ.

އެންވާރަމެންޓު މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން އިއްޔެ އިން ފެށިގެން ފަރިކެޑެ ސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެ ސަރަހައްދު ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ގަވައިދުގައިވާގޮތުގެ މަތިން ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. އެސަރަހައްދުން އާއްމުކޮށް ފެންނަ ދިރުން ތަކުގެ ތަރޭގައި ފާނަ މިޔަރު, ކަނޑި މިޔަރު, ފެހުރިހި އަދި އެންމަޑި، ހިމެނެއެވެ.

އެފަދަ ދިރުންތަކަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތަކެއް ކަމަށްވާތީ އެ ސަރަހައްދު ހިމާޔަތްކުރުން މުހިންމު ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ވަކި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް މަންފާކުރާ ގޮތަށް އެ ސަރަހައްދު ހިމާޔަތް ކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.