ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، މެންދުރު އޮންލައިން ކިޔާ ނޫހަށް ވިކްޓިމްގެ ވާހަކަ ކިޔައި ދިނީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ކަމަށް ބުނެފައި ވާ ވާހަކަ އާޒިމާ ދޮގު ކުރައްވައިފިއެވެ.

"ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، މެންދުރު އޮންލައިން އަކީ ދެނެވަޑައިގަންނަވާ ނޫހެއްވެސް ނޫން ކަމަށާއި، އެމީހުން (މެންދުރު އޮންލައިން) އާޒިމާގެ ނަން ބޭނުން ކުރަން ޖެހުނު ސަބަބެއްވެސް އަދި ގޮތެއްވެސް އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ ކަނޑައެޅިގެން ދޮގެއް، އަހަރެން ނުވެސް ދަންނަން މެންދުރު އޮންލައިން ކިޔާ ބައެއް، ހައިރާންވެއްޖެ އަހަރެންގެ ނަން ބޭނުން ކުރީމައި، އެއީ ބުހުތާނު ދޮގެއް، އެމީހުން ކުރިން ބުނި ދޯ ވިކްޓިމްގެ ރެކޯޑިން އޮތް ވާހަކަވެސް، އެހެން ވިއްޔާ އަހަރެންގެ ރެކޯޑިންވެސް އޮންނަން ވާނެ ދޯ، ދައުވާ ކުރާނަން"
އާޒިމާ

އާޒިމާގެ ނަން ބޭނުންކޮށްގެން މެންދުރު އޮންލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ސަފާރީ އެއްގައި ރޭޕް ކޮށްގެން އުޅޭކަމަށާއި"، "ސީދާ ވިކްޓިމް ގެ ފަރާތުން (އެ ނޫހަށް) ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މަޢުލޫމާތު ދިން" އަދި "ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށް ފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަނގޫވާނޭ ކަމަށްބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިން އަށް ކިޔައިދިނީ ދިވެހިބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު" ކަމަށެވެ.

މެންދުރު އޮންލައިނުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ، ސަފާރީ ކޭސް އާ ގުޅިގެން ވިކްޓިމްގެ ރެކޯޑިންވެސް އޮތް ކަމަށާއި، ކަން ހިނގާ ދިޔަ ގޮތް ގެނެސްދިނީ ތެދަށް ކަމަށެވެ. އަދި ސަފާރީގައި ހިނގީ ރޭޕެއް ކަމަށް ބުނެ "ފިލްމެއްގެ މަންޒަރުތައް ސިފަ ކުރާ ގޮތަށް ކޮށް" ކިޔައި ދީފައި ވެއެވެ. އޭގެ އިތުރުން އެ ހާދިސާގެ ވާހަކަ ލިޔެގެން، ބިރުދައްކަން އެކިފަރާތްތަކުން ގުޅާ ކަމަށްވެސް ލިޔެފައި އޮތެވެ.

މިއަދު އެ ހުރިހާ ވާހަކައެއް ދޮގުކޮށް ބަޔާނެއް ނެރުނު އިރު، ފުލުހުންނާއި، ރާއްޔިތުންގެ މަޖިލީހުން ގެންދަނީ އެ މައްސަލަ ބަލާ ތަހުގީގުވެސް ކުރަމުންނެވެ.

ސަފާރީ ކޭސް ތަހުގީގު ކުރަމުން ދާ އިރު ފުލުހުން ބުނެފައި ވަނީ، މައްސަލަ ތަހުގީގު ކުރަމުން ދަނީ ޖިންސީ ގޯނާ ކަމަށް ބަލައިގެން ކަމަށެވެ.