ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓުނު މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި މަރުވެފައި ވަނީ ބިދޭސީއެއް ކަމަށެވެ.

އެ ހާދިސާ ހިނގާފައިވާކަން ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު 2:30 ހާއިރު ކަމަށާއި އެމީހާ މަރުވީ ހުޅުމާލޭ ދެވަނަ ފޭސްގައި އެމްޕީއެލް އިން ހަދަމުން އަނަނަ އިމާރާތެއްގެ މަތިން ވެއްޓި ޒަހަމް ވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ފުލުހުން އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާއިރު، މިދިއަ ދެ ތިން އަހަރު ދުވަހުގެ ތެރޭގައި މާލޭ އާއި ހުޅުމާލޭގައި ހަދަމުންދާ އިމާރާތްތަކުގެ މަސައްކަތުގައި އުޅެމުން ދަނިކޮށް ބިދޭސީ މަސައްކަތްތެރިންގެ މީހުން ވެއްޓި މަރުވާ ހާދިސާތަކާއި ޒަހަމްވާ ހާދިސާތައް ވަނީ ގިނަވެފައެވެ.

އަދި އިމާރާތް ކުރުމުގެ ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމުގެ ސަބަބުން މަސައްކަތުގެ ތެރޭގައި ހިނގާ އެކްސިޑެންޓްތައް ވެސް ގިނަވެފައި ވެއެވެ.

އެގޮތުން މިދިޔަ އަހަރު އޮކްޓޫބަރު މަހު ވަނީ މާލޭގައި ހަދަމުންދިޔ އިމާރާތަކުން މީހަކު ވެއްޓި މަރުވެފައެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ވަނީ ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި މޭ ކަށިތައް ބިނދައިގެންގޮސް ފަރުވާ ދީފައެވެ.