ސްކޫލްތަކުގެ ކުލާސްރޫމް ތަކަށް އަތް ދޮންނަ ސައިބޯނި ފުޅި ހޯދަން މީގެ ކުރިން ކުރި އިއުލާނު ބާތިލްކޮށް އަލުން އިއުލާނުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އިއުލާނު ބާތިލްކޮށްފައިވަނީ އެއިއުލާނާ ގުޅިގެން ބީލަން ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ މުއްދަތުގައި ތަކެތި ސަޕްލައި ކޮށްފައިނުވާތީ ކަމަށެވެ.
އެ ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
އެޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެ ގޮތުން ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ކޮވިޑް-19 އާގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އޭއަށްފަހު ކުދިންނަށް ކިޔަވައި ދިނުުގެ ކަންކަން ކުރިއަށް ގެންދަމުން ދަނީ ޓެލެކްލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް މިހާރު ސަރުކާރުން ލުއިތައް ދެމުންދާއިރު ސްކޫލަތައް ހުޅުވައިގެން ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އަދި އެފަދައިން ސްކޫލްތައް ހުޅުވޭ އިރު ހުރިހާ ސްކޫލަތަކެއްގައި ކުދިންނަށް އަތް ދޮވެވޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރާނެ ކަމަށް ވެސް އެޑިއުޚޭޝަނުން ބުނެފައި ވެއެވެ.