އިންޑިއާގައި ރާވައިގެން ކައިވެނިކޮށްދިނުމުގެ "ވިޔަފާރި" ހިންގާ މީހަކާ ގުޅޭ ނެޓްފްލިކްސްގެ ޝޯ "އިންޑިއަން މެޗްމޭކިންގް"ގެ މައްސަލާގައި އިންޑިއާގައި ހޫނު ބަހުސްތަކެއް ކުރަން ފަށައިފިއެވެ.

8 ބަޔަކަށް ބަހާލައިގެން ނެޓްފްލިކްސްއިން އުފައްދާފައިވާ ޝޯ "އިންޑިއަން މެޗްމޭކިންގް" ޕްރިމިއާ ކުރީ ހުސްވި ހަފުތާގެ ތެރޭގައެވެ. މިހާރު އިންޑިއާގެ އެންމެ ގިނަ މީހުން ބެލި ޝޯތަކުގެ ލިސްޓުންވެސް މި ޝޯ ވަނީ ޖާގަ ހޯދާފައެވެ. މި ޑޮކިއުމަންޓްރީގައި ގެނެސްދީފައިވަނީ، ކައިވެނި ކުރާނެ ޖޯޑުތައް ހަމަޖައްސާ ދެމުންދާ މުމްބާއީގެ އަންހެނެއް ކަމަށްވާ ސީމާ ތަޕާރިއާގެ ވާހަކައެވެ.

އާއިލާއިން ރާވައިގެން ކައިވެނި ކުރުމަކީ އިންޑިއާގައި އާންމު ކަމެކެވެ. ނަމަވެސް، ނެޓްފްލިކްސްގެ ޝޯއާއެކު ތިލަވަމުންދިޔަ ތަފްސީލުތަކާއެކު، އޮންލައިން ޕްލެޓްފޯމުތަކުގައި ހަޖޫ ޖެހުމާ، ފާޑުކިއުންތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މި ޝޯގައި ރާވައިގެން ކުރާ ކައިވެނިތައް ހާއްސަ ކުރަނީ މީހާގެ އާއިލީ ނަސަބާ، ޖިސްމާނީ ހަށިގަނޑު ހެދިހުރި ގޮތާ، ހަމުގެ ކުލައަށްކަން އިންތިހާއަށް ދޭހަކޮށްދެއެވެ.

އިންޑިއާގެ ކައިވެންޏެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ބިހާރުޕޯސްޓް

އިންޑިއާގައި ރާވައިގެން ކުރާ ކައިވެނިތަކަށް ފާޑުކިއާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުން ބުނެފައިވަނީ، ނެޓްފްލިކްސްގެ ޝޯއަކީ، އިންޑިއާގެ ހަޑިމުޑުދާރު މަންޒަރު ދައްކުވާދޭ ލޯގަނޑެއް ކަމަށެވެ.

އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވާ ޑައިރެކްޓަރު ސްމްރިތީ މަންދްރާ އުފައްދައިގެން ގެނެސްދޭ "އިންޑިއަން މެޗްމޭކިންގް" ގައި ފެނިގެންދަނީ، އާއިލާއެއްގެ ކުއްޖަކު ކައިވެނި ކުރުވަން، އެ އާއިލާއަކުން އެންމެ ބޭނުންވާ ހުރިހާ ޝަރުތެއް ހަމަވާ ބައިވެރިއަކު ހޯދުމަށް ތަޕާރިއާ ކުރަމުންދާ މަސައްކަތްތަކާ، ރާވައިގެން ކުރާ ކައިވެނިތައް ހަމަޖެހިގެންދާ ގޮތެވެ.