އެސްޓީއޯގެ މުވައްޒަފުން ކޮވިޑް-19 ޖެހި ރަނގަޅުވެފައި ވޭތޯ ބެލުމަށް ސެރޯލޮޖީ ޓެސްޓު ހައްދަން ފަށައިފިއެވެ.
އެގޮތުން މި މަސައްކަތް އެ ކުންފުނިން ވަނީ އިއްޔެއާއި މިއަދު ކުރިއަށް ގެންގޮސްފައެވެ. ސެރޯލޮޖީ ޓެސްޓު ފަރުމާކޮށްފައި ވަނީ އެ ޕޭޝަންޓްއަކީ ކޮވިޑް-19 ޖައްސާ ވައިރަސް (ސާސް-ކޯވް-2)އަށް ހުށަހެޅިފައިވާ މީހެއްތޯއާއި، އެމީހެއްގެ ހަށިގަނޑުން އެ ވައިރަހާ ދެކޮޅަށް އެންޓިބޮޑީ އުފައްދާފައި ވޭތޯ ދެނެގަނެވޭ ފަދަ ގޮތަކަށެވެ.
އެންޓިބޮޑީޒް އުފައްދާފައި ވާކަން ދެނެގަނެވުމަކީ، ވައިރަހާ ދެކޮޅަށް އެމީހެއްގެ ހަށިގަނޑުން ދިފާއު ހޯދާފައި ވާކަން އަންގައިދޭނެ ކަމެކެވެ. އެންޓި ބޮޑީޒް އަކީ، ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އުފައްދާ ވައިރަސް ބަލިކޮށްލާ ޕްރޮޓީން އެކެވެ.
ދުނިޔޭގެ ގިނަ ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 އަކީ މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައިވާ ބައްޔަކަށް ނުވާ އިރު ކުރިއަރާފައި ވާ ގައުމުތަކުން ދަނީ ބަލި ޖެހި ރަނގަޅުވާ މީހުންގެ ލޭގައި ބައްޔަށް ހަނގުރާމަ ކުރާ އެންޓިބޮޑީޒް ހުރިތޯ ބަލާ އެއިން ބަލީގެ ފަރުވާ ހޯދުމަށް ދިރާސާތައް ކުރަމުންނެވެ.
މީގެ އިތުރުން ކޮވިޑް-19ގެ އެންޓިބޮޑީ ތެރަޕީ، މިއަހަރުގެ ފަހުކޮޅު ބާޒާރަށް ނެރެވުމުގެ ފުރުސަތު އެބަ އޮތް ކަމަށް، އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި އެލީ ލިލީއާއެކު މިމަޝްރޫއުގައި މަސައްކަތް ކުރަމުންދާ ބައޮޓެކް ކުންފުނި އެބްސެލާރާއިން ވަނީ ހާމަކޮށްފައެވެ. އެ ކުންފުނިން ވަނޯ އެންޓިބޮޑީ ތެރަޕީ ތަރައްގީކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް އިންތިހާ ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް ބުނެފައެވެ.
އެސްޓީއޯގެ މުވައްޒަފުން އެންޓިބޮޑީސް ހުރިތޯ ބަލަން ޓެސްޓު ކުރަމުންދާއިރު، ކޮވިޑް-19 އިން ރާއްޖެ ރައްކާތެރިކޮށް ދިނުމުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެމީހުންގެ ގޭބިސީ މީހުން އަދި ޑެލިވަރީ ހިދުމަތުގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން ކޮވިޑް-19 އެންޓިބޮޑީ ޓެސްޓް ހިލޭ ހަދައިދިނުމުގެ ހަރަކާތެއް ހިންގުމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ. އެގޮތުގެ މަތިން 3000 އެންޓި ބޮޑީ ޓެސްޓު ހަދައިދިނުމަށް ނިންމާފައިވާ ކަމަށް އޭޑީކޭއިން ބުނެއެވެ.
އަދި އެ ޓެސްޓުތައް ކުރާނީ ރޯޗް ކޯބާސް އެލެކްސިސް "އީ-411" އިމިއުނޯ އެނަލައިޒާ ބޭނުންކޮށްގެން ކަމަށް ވެސް އޭޑީކޭއިން ބުނެއެވެ. ހަމައެއާއެކު ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު ކުރުމުގެ މަސައްކަތުގައި ބޭނުން ކުރާނެ އުސޫލުތައް ކަނޑައަޅއި އެކަން ކުރުމަށް އެކުލަވާލާ ތާވަލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަންނަ ހަފްތާތެރޭގައި ޓެސްޓް ކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ