މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށް ޕާސްޕޯޓު ހެދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނީ މާދަމާ އިން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށް އެދެވޭނެ ކަމަށެވެ. އެގޮތުން އިމުގާ ރަޖިސްޓްރީ ކުރުމުން އެ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެ ތާރީހުން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އެއިދާރާގެ މަގުސަދަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު އާކުރުމަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މީގެ ކުރިން ރާއްޖޭން ބޭރުގައި އުޅޭ ދިވެހިން ޕާސްޕޯޓް އާކުރަމުން އައީ މާލޭގައި ތިބޭ މީހުން މެދުވެރިކޮށެވެ. އަދި ރާއްޖޭގެ ހައި ކޮމިޝަންތައް ހުންނަ ގައުމުތަކުގައި އެކަން ކުރަމުން އައީ އެތަންތަން މެދުވެރިކޮށެވެ.