ގޯލް ބްލެޑާ އިންފްލަމޭޝަންއަކާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު، ހޮސްޕިޓަލުގައި އޮންނަވައިގެން ވަޒީރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.
އުމުރުފުޅުން 84 އަހަރުގެ ސަލްމާން ރަސްގެފާނުގެ ހާލުކޮޅު މިހާރު ސްޓޭބަލްކަމަށް ޚަބަރު ލިބެއެވެ.
ސައުދީގެ ދައުލަތުގެ މީޑިއާއިންވަނީ ސަލްމާން ރަސްގެފާނު ހޮސްޕިޓަލުގައި އޮންނަވައިގެން ވަޒީރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަންޒަރު ފެންނަ ފުޓޭޖެއްވެސް އާންމުކޮށްފައެވެ.
2015 ވަނަ އަހަރުން ފެށިގެން ސައުދީގެ ރަސްކަމުގައި ހުންނެވި ސަލްމާން ބިން ޢަބްދުލްޢަޒީޒު ހޮސްޕިޓަލުގައި އޮންނެވީ މެޑިކަލް ޗެކަޕްތަކެއް ހެއްދެވުމަށް ކަމަށް އިތުބާރު ހިފޭ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ކަންމިހެން އޮތްއިރު، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ވަނީ ރެޑް ސީ ސިޓީގެ ނިއޯމްގައި ހުންނަ އޭނާގެ ގަނޑުވަރު ދޫކުރައްވާ، ވެރިރަށް ރިޔާދަށް ކުއްލި ގޮތަކަށް ވަޑައިގެންފައެވެ. އަދި އިރާގުގެ ޑެލިގޭޝަނަކާ އެކު ކުރިއަށް ގެންދެވުމަށް ތާވަލު ކުރެއްވި ބައްދަލުވުމެއްވެސް ކެންސަލް ކުރެއްވި ކަމަށް ޚަބަރު ލިބެއެވެ.
އާންމުންނާ މުހާތަބު ކުރައްވާ ސަލްމާން ރަސްގެފާނު އެންމެ ފަހުން ވާހަކަފުޅު ދައްކަވާފައިވަނީ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ. 5 ވަރަކަށް މިނެޓަށް ދެމިގެންދިޔަ އެ ތަގުރީރު އޭނާ ހާއްސަ ކުރެއްވީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށެވެ.