އަދުގެ ކިޔަވާ ކުދިންނަކީ ތާރީހު ނުދެކޭ ފަދަ ކަންތައްތަކެއް ތަޖުރިބާ ކުރަމުންދާ ކުދިބައެކެވެ. އާންމު ދިރިއުޅުމުގެ އެތައް ކަމެއް ބަދަލުކުރަން މަޖުބޫރުކުރުވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، ސްކޫލްވެސް މިވަނީ އެ ދަރިވަރުން އެންމެ ލޯބި ކުރަމުންދިޔަ އޮންލައިން ޕްލެޓްފޯމަށް ބަދަލުވެފައެވެ.

ވާޗުއަލް ކުލާސްތައް ވެފައިވަނީ ދަރިވަރުންގެ މެދުގައި ޝައުގުވެރިކަން އުފެއްދި ވެއްޓަކަށެވެ. ނަމަވެސް، މިއާއެކު ނޭދެވޭ އެތައް މިސްރާބަކަށް އޮއެ ދަމަން ފަށާފައި ވާކަންވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ. ވަކި ހައްދެއްގައި މަސައްކަތް ކުރަން ޖެހުމާ، ނުތަނަވަސް ވުމާ، އެހީ ބޭނުންވާ ވަގުތު އެހީއެއް ނުލިބުން ފަދަ ކިތަންމެ މައްސަލަތަކެއް އެބަހުއްޓެވެ. މިއީ ދަށް ގުރޭޑްތަކުގެ ކުދިންނަށް މާ ބޮޑު އިހުސާސަކަށް ނުވެދާނެއެވެ. ނަމަވެސް ސާނަވީއާ، މަތީ ސާނަވީއަށް ފަށައިގަންނަ ދަރިވަރުންނަށް މި އިހުސާސްތައް ކުރެވޭ މިންވަރު އިތުރު ވެދާނެއެވެ. ނުކިއްސަރު އަތަކަށް ދެމުންދާ ޕިއާ ޕްރެޝާ ނުވަތަ އެހެން ކުދިންގެ ފަރާތުން ކުރިމަތިލާން ޖެހޭ އެކި ކަހަލަ ފިއްތުންތަކެވެ. ވާޗުއަލް ޕްލެޓްފޯމަށް ސްކޫލް ބަދަލުވުމުން، ބުލީއެއްގެ ޖިސްމާނީ ފުރައްސާރައިން ސަލާމަތް ވެވުނަސް، ޕިއާ ޕްރެޝަރުން އަދިވެސް ސަލާމަތް ވެވޭ ގޮތެއް ނުވެއެވެ.

ވާޗުއަލް ކުލާސްރޫމެއްގެ ތެރެއިން ދަރިވަރަށް ޕިއާ ޕްރެޝާ ކުރިމަތިވެދާނެ ކިތަންމެ ގޮތެއް އެބަހުއްޓެވެ.

ކުޑަކުދިންތަކެއް ބެލެނިވެރިއަކާއި ނުލާ މޯބައިލް ފޯނުން އެއްޗެއް ބަލަނީ/ފޮޓޯ: ބްރީވެބްއެޕް

ގެޖެޓްސް

އަދުގެ ޖީލަކީ އެންމެ ޒަމާނީ ގެޖެޓްތައް ގެންގުޅުމަށް ލޯބިކުރާ ފަދައިން އެ ވާހަކަތައް ދެއްކުމަށްވެސް ލޯބިކުރާ ބައެކެވެ. ދަރިވަރުންގެ މެދުގައިވެސް މިކަން އޮންނަނި މިހެންނެވެ. ބައެއް ދަރިވަރުންނަކީ ދިރިއުޅުމުގެ ނަސީބު އަތުގައި ހިފާފައި އޮތުމުން، ހިތުލި ކޮންމެ އެއްޗެއް އަތުގައި އޮންނަ ކުދިންނެވެ. އަނެއް ބައި ކުދިންނަކަށް އެ ނަސީބެއް ނެތެވެ. އެތައް މިތަނުން އެއްކުރި ފައިސާ ފޮތިން ދިރިއުޅުން ދެކޮޅު ޖައްސަމުންދާ މައިންބަފައިންގެ ދަރިންނަށް މި ނަސީބެއް ނެތެވެ. ނަތީޖާއަކަށް ވަނީ ވާޗުއަލް ޕްލެޓްފޯމްގެ ތެރެއިން، އަނެއް ދަރިވަރުގެ ދިރިއުޅުމަށް ބޭނުންވުމެވެ. އެކަމާ ހަސަވެރިވެވުމެވެ. ނުވަތަ އަމިއްލަ ދިރިއުޅުން އެހެން ނުހުންނާތީ ހިތާމަ ކުރެވެން ފެށުމެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކިޔަވާ ދަރިވަރުންގެ ދިރިއުޅުން ބަލަން އިންނަ ކުއްޖަކީ، ކުލާހަށް ވަންނަން ބޭނުން ކުރާ ސްކްރީން، އާއިލާގެ އެހެން މެމްބަރުންތަކަކާ ހިއްސާކުރާ ކުއްޖަކަށްވެ، ނިކަމެތިކަން އިހުސާސް ކުރުވާ ގޮތްވެއެވެ.

އޮންލައިން ލާނިންގެ ކޮންސެޕްޓަށް އަހުލުވެރިވުން

އޮންލައިން ޕްލެޓްފޯމަށް ކުލާސްތައް ބަދަލުވެފައިވާ އަދުގެ ދުނިޔޭގައި މިއީ ކޮންމެހެންވެސް އަހުލުވެރިވެފައި އޮންނަންޖެހޭނެ ކަމެކެވެ. ބައެއް ދަރިވަރުންނަކީ ލަސް ދުވެއްޔެއްގައި ކުރިއަށްދާ ކުލާސްތަކަށް ބޭނުންވާ ދަރިވަރުންނެވެ. އޮންލައިން ކުލާސްތަކަކީ މިހާ ޅަ އުމުރުގެ ކުދިންނާ، މުދައްރިސުންނަށްވެސް އާ އުސޫލަކަށް ވެފައިވާއިރު، ފިލާވަޅުގެ ތެރެއިން އުފެދޭ ކަންބޮޑުވުންތައް ބަޔާންކޮށް، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށްވެސް ހުރަސްތަކެއް ކުރިމަތިވާ ގޮތްވެއެވެ.

އަޅާ ނުލެވި ދުކޮށްލެވެން ފަށައިފިނަމަ، ކިއެވުމާ މެދު ސީރިއަސް ކޮށް ނުވިސްވި، ފޫހިވެ، ފަރުވާ ކުޑަވެ، ނަތީޖާ ދަށްވާ ހިސާބަށްވެސް ހިނގައިދާނެއެވެ. މިކަމުގައި ދަރިވަރަށް ބޭނުންވަނީ ބެލެނިވެރިޔާގެ އެހީތެރިކަމެވެ. އޮންލައިން ޕްލެޓްފޯމްތަކުން ނުފުދޭނަމަ، މުދައްރިސާ ދަރިވަރުން ވަކިންވެސް ވާހަކަ ދެއްކޭ ގޮތް ހޯދާދިނުމަށް ބެލެނިވެރިޔާ މަސައްކަތް ކުރަންވާނެއެވެ. އަދި މުދައްރިސުންވެސް އެކަންކަމަށް ސަމާލުވާންވާނެއެވެ. ވަގުތު އޮތްނަމަ، ބެލެނިވެރިޔާވެސް ދަރިވަރާއެކު ކުލާހުގައި ބައިވެރިވަމުން ދާނަމަ، އަމިއްލަ ނަފުސަށް އިތުބާރު ގެއްލިފައިވާ ކިތަންމެ ދަރިވަރެއްގެ ހިތަށް ލުއި ލިއްބައިދީ، ކުލާހައިގެން ކުރިއަށް ދިއުމަށް ހިތްވަރަކަށް ވާނެއެވެ.

ޒޫމް ކުލާހުގައި ޓީޗަރަކަށް އަމާޒުކޮށް ބުލީކުރަމުންދިޔަ މަންޒަރު ގެ ސްކްރީން ގްރޭބެއް/ފޮޓޯ: އިންޑިއާ ޓުޑޭ

ޓެކްނޮލޮޖީ

އަދުގެ ޖީލަކީ ޓެކްނޮލޮޖީއާއި އަހުލުވެރި ޖީލެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ތާ އަބަދުމެ ކުރަމުން އައި ކަމެއް ދޫކޮށް، އޮންލައިން ޕްލެޓްފޯމުގައި ކިޔަވާ، މަސައްކަތް ހުށަހަޅަންޖެހުމަކީ ކޮންމެ ކޮންމެ ކުއްޖަކަށް މާ ފަސޭހަ ކަމަކަށް ނުވެއެވެ. އެހީވެދޭން ތިބޭ ބެލެނިވެރިންގެ ހާލަކީވެސް މިއީ ކަމަށް ވެދާނެއެވެ. ދޮށީ އުމުރުގެ ދަރިވަރުންނަކީ، އެހެން ކުއްޖެއްހެ އެހީއަށްވެސް އެދުމަކީ ދެރަކަމެއް ކަމުގައި ދެކެވޭ ފަދަ އުމުރެއް ކަމުން، މިއީވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

މިފަދަ ހާލެއްގައި ދަރިވަރަށް އެންމެ ގާތުން އެހީވެދެވޭނެ އެކަކީ ޚުދު މުދައްރިސެވެ. އޮންލައިން ކުލާސް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާނެ އުކުޅުތައް ދަރިވަރުންނަށް ބުނެދިނުމަކީ މިކަމަށް އޮތް ލުއިފަސޭހަ ހައްލެކެވެ.

ގޭގެ މާހައުލް

ބައެއް ކުލާސްތަކަކީ އޮންލައިން ވީޑިއޯ ޖައްސައިގެން ތިބެން ލާޒިމު ކޮށްފައި އޮންނަ ކުލާސްތަކެކެވެ. ނަމަވެސް އަދުގެ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން، މިއީ ކޮންމެ ކޮންމެ ކުއްޖަކަށް ކުރަން މާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ކުޑަކުޑަ ކޮޓަރިއެއްގައި 10 ވަރަކަށް މެމްބަރުން ދިރިއުޅޭ އާއިލާތަކުގެ ދަރިވަރުންނަށް މިއީ ބައެއް ފަހަރު ފުރައްސާރައާއިވެސް ކުރިމަތި ކުރުވާ ކަމެކެވެ. ހިތަށް އުނދަގޫ ކުރުވަނިވި ކަމެކެވެ.

މިކަމަށް އޮތް އެންމެ ރަނގަޅު އެއް ހައްލަކީ ފަހަތުން ފެންނަ މަންޒަރު ބަދަލުކުރަން ދަރިވަރަށް ދަސްކޮށްދިނުމެވެ. މަންޒަރު ބަދަލު ކުރެވެން ނެތްނަމަ، މުދައްރިސާ ވާހަކަ ދައްކައިގެން އެނޫން ފުރުސަތެއް އޮތްތޯވެސް ބެލިދާނެއެވެ. އަދި ގޭގެ މާހައުލަކީ ވީވަރަކުން ތައުލީމަށް ފަހި މާހައުލަކަށް ހެދުމަށްވެސް މަސައްކަތް ކުރާށެވެ.

ބޮޑުވަމުން އަންނަ ކުދިންނަކީ އާ ކަންކަން ފަސޭހައިން ދަސްކުރާ ބައެއް ކަމަށް ވީ ނަމަވެސް، އަދުގެ މި ހާލަތަކީ އެންމެނަށްވެސް އާ ހާލަތެކެވެ. ކުއްލިއަކަށް އެތައް ކަމެއް ބަދަލުކުރުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ޕިއާ ޕްރެޝަރާ، ނަފުސަށް އޮންނަށް އިތުބާރާ އިންތިހާއަށް ގުޅިފައިވާ މިފަދަ ކަންކަމުގައި މިއީ އަދި ވަކިން އުނދަގޫ ކަމެކެވެ. މިކަމުގައި އޮތީ މުއްދަރިސުންނާ ބެލެނިވެރިންގެ ބަދަހި ގުޅުމަކުން، ދަރިވަރަށް ލުއި ހޯދާދިނުމެވެ.