ޖަލުތަކުގައި ތިބޭ ގައިދީންނަށް ދޭ ރިހެބިލިޓޭޝާން ޕްރޮގްރާމްތައް މެދުކަނޑާލުމަށްފަހު އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރު ކުރިއަށް ގެންދަނީ އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ކަމަށެވެ.
ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން އެކި މަރުހަލާތަކުގައި ގައިދީންގެ ހިތުގައި ދީނީ ކަންތައްތަކަށް ލޯބި ޖެއްސުމަށާއި ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ދީނީ ދަރުސްތަކާއި، ދީނީ ކައުންސެލިންގެ ހިދުމަތް ގައިދީންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމް ކޮވިޑް-19 އާ ގުޅިގެން ވަނީ މެދުކަނޑާލާފައެވެ. މެދުކަނޑާލުމަށްފަހު މި ޕްރޮގްރާމް ކުރިއަށް ގެންދަން ފަށާފައި ވަނީ މިމަހުގެ 5 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ރިހެބިލިޓޭޝަންގެ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ދީނީ ގޮތުން ކަންކަން އޮޅުން ފިލުވައިދިނުމުގެ 12 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޕްރޮގްރާމްތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން 11:00 އަށް ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ގައިދީންނަށް ދީނީ ދަރުހާއި ފިލާވަޅުތައް ނަންގަވައި ދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡުންނެވެ. މި ޕްރޮގްރާމްތަކުގައި ނަގައިދޭ ދީނީ ފިލާވަޅުތަކާއި ދަރުސްތަކުގައި ހިމެނެނީ، އިސްލާމީ އަގީދާއާއި ފިގުހާއި މުއާމަލާތާއި އަހުލާގުގެ ބައިތަށް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގައި ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕްރޮގުރާމަކީ ދިވެހިރާއްޖޭގެ ގާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ހިންގުމަށް ލާޒިމްކުރާ ހަރަކާތްތަކެއްގެ މައްޗަށް ބިނާކޮށް ހިންގާ ޕުރޮގުރާމް ތަކެކެވެ.