ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވީ ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މިދިޔަ މާޗް މަހުގެ 6 ވަނަ ދުވަހު އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ދަތުރުކުރުމަށްފަހު، މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެނބުރި ރާއްޖެ އައި ކުޑަކުދިންގެ ހިޔާގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ، މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ކަަމަށެވެ. އަދި ޕޮޒިޓިވްވެފައި ވަނީ އުމުރުން 12 އަހަރުގެ ކުއްޖެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ކުއްޖާއަކީ އުފެދުމުގައި ވެސް ބަލި ކުއްޖެއް ކަމަށާއި، އޭނާގެ ބަލީގެ ބާވަތުން އޭނާއަށް ގަވާއިދުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރަން ޖެހޭ ކަމަށް ޖެންޑާއިން ބުނެއެވެ. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ފަހު އެންބުރި ރާއްޖެއަށް އައިސް އޭނާ ވަނީ 16 ދުވަހުގެ މުއްދަތް ހަމަވަންދެން ކުޑަކުދިންގެ ހިޔާގައި ކަރަންޓީންކޮށްފައި ކަމަށް ޖެންޑާއިން ބުނެއެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ހެދި ޓެސްޓުން އޭނާ ވަނީ ނެގެޓިވްވެފައި ކަމަށް ޖެންޑާއިން ބުނެއެވެ.

ނަމަވެސް، ކުއްޖާއަށް ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވެ، މި މަހުގެ 18 ވަނަ ދުވަހު ވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައި ކަމަށާއި އެ ހޮސްޕިޓަލުން އިރުޝާދު ދީފައި ވަނީ އިތުރު ފަރުވާ ކުރުމަށް އޭނާ އައިޖީއެމްއެޗަށް ދެއްކުމަށް އެދިފައި ކަމަށް ޖެންޑާއިން ބުނެއެވެ. އަދި އެ ހޮސްޕިޓަލަށް އޭނާ ބަދަލުކުރުމަށްފަހު، ރޭ ހެދި ކޮވިޑް-19 ޓެސްޓުގެ ނަތީޖާ މިއަދު ހެނދުނު ލިބުނުއިރު، ޓެސްޓުގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައި ކަމަށް ޖެންޑާއިން ބުނެއެވެ.

ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ޕޮޒިޓިވްވުމާ އެކު މިހާރު ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުދިންނާއި، އެ ތަނުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކޮށްފައިވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ޖެންޑާއިން ބުނެއެވެ.

އަދި މިހާރު ދަނީ ކޮވިޑަށް ޕޮޒިޓިވްވި ކުއްޖާގެ ކޮންތެކްތް ޓްރޭސިންގެ މަސައްކަތް ކުރަމުން ކަމަށް ޖެންޑާއިން ބުނެއެވެ.