މިއަދު 36 މީހުން ޕޮޒިޓިވް ވި އިރު 29 މީހުންނަކީ ދިވެހިން ނެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ 5 މީހުންނާއި އިންޑިއާގެ 2 މީހުންނެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2966 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2362 އަށް އަރާފައެވެ. އަދި މިއަދު ބަލިން ރަނަގޅުވެފައި ވަނީ 8 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާރު 2362 މީހުން ރަނގަޅުވެފައި ވާއިރު، މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 574 މީހުންނެވެ. އަދި މިވަގުތު އައިސޮލޭޝަން ތިބީ 468 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކަރަންޓީން ފެސިލިޓީ މިވަގުތު އެއްވެސް މީހަކު ނެތެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 15 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ ފިރިހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 17 މީހުންނެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނާއި ސްރީލަންކާގެ އެކަކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1259 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1365 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 245 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 46 މީހުންނާއި ސްރީލަންކާގެ 24 މީހުންނެވެ.