ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން ފާމަސީ ކޯށްތަުގައި ބައިވެރިވުމަށް ހާއްސަ ސްކޮލަޝިޕެއް ތައާރަފްކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނިން ހުޅުވާލާ މި ސްކޮލާޝިޕް ހޮވާލެވޭ ދަރިވަރުންގެ ކޯސް ފީއާއި ލިވިން އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ސްކޮލާޝިޕްއަށް ހުޅުވާލާފައިވާ ކޯހަކީ "އެޑްވާންސް ސެޓްފިކެޓް އން ފާމަސީ ކޯސް - ލެވެލް 4" ކަމަށެވެ. އަދި މި ކޯސްތައް ކުރިއަށް ދާނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސް އިންސްޓިޓިއުޝަންގެ މާލޭގައި ހުންނަ ކެމްޕަސްގައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެއް އަހަރުގެ މުއްދަތަށް ހިންގާ މި ކޯހަކީ މި އަންނަ އޮގަސްޓްމަހު ފެށުމަށް ހަމަޖެހިފައި ކޯހެކެވެ. އަދި މި ކޯހަށް އެޕްލައި ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ 4 އޯގަސްޓްގެ މެންދު 12:00 ގެ ކުރިން ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ކޯހުގައި ބައިވެރިވާ ދަރިވަރުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ޖީސީއީ އޯލެވެލް އިމްތިހާނުން މަދުވެގެން 2 ފާސް ލިބުމެވެ. އެގޮތުން ބައޮލޮޖީއާއި އިނގިރޭސި މާއްދާއިން ފާސްވެފައި ވުމާއި ޕާމަސީ ކޯހުގެ ސެޓްފިކެޓް 3 ފުރިހަމަ ކޮށްފައިވުންވެސް ހިމެނެއެވެ.

ހަމައެއާއެކު މި ސްކޮލާޝިޕް ފުރިހަމަ ކުރާ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށްފަހު އެސްޓީއޯގެ ފާމަސީއެއްގައި މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން މި ލިންކަށް ވަދެ، ކޯހުގެ ފޯމް ހުށަހެޅުމަށް އެސްޓީއޯއިން ބުނެއެވެ.