ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި 14 ދުވަހު ކަރަންޓީން ވާން ޖެހޭ ގޮތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލު އަނެއްކާ ބަދަލު ކޮށްފިއެވެ.

އެޗްޕީއޭން ބުނީ ރާއްޖެއިން ބޭރުން އައިސް މާލޭގައި ތިބޭ މީހުންނާއި ރަށްރަށަށް ދާ މީހުން ގޭގައި 14 ދުވަސް ވަންދެން ހޯމް ކަރަންޓީން ވާން ޖެހޭނެ ކަމަށާއި މާލޭގައި އަދި ރަށްރަށުގައި ގޭގައި ކަރަންޓީނުވުމުގައި އަމަލު ކުރާނީ 'ހާލުބެލުން' ޕޯޓަލް މެދުވެރިކޮށް ގޭގައި ކަރަންޓީން ވާން އެދިގެން ކަމަށެވެ.

ރާއްޖެއިން ބޭރުން އައިސް މާލޭގައި ތިބޭއިރު ގޭގައި ކަރަންޓީނުވާން ވާނީ ދިވެހިނާއި ވޯކްޕާމިޓްގައި ރާއްޖެ އަންނަ މީހުނާއި ވޯކްޕާމިޓް އޮންނަ މީހުންގެ އާއިލާގެ މެންބަރުން ) އާއި ޑިޕެންޑެންޓުނެވެ.

އެގޮތައް އުސޫލަށް ބަދަލު ގެނެސްފައި ވަނީ ކޮމިއުނިޓީ ސްޕްރެޑް އޮތްތަނެއްގައި މަޑުކުރާނަމަ ނުވަތަ ކޮމިއުނިޓީ ސްޕްރެޑް ނެތްތަނަކަށް ދާނަމަ އެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށްވާތީ ކަމަަށެވެ.

އެޗްޕީއޭގެ އުސޫލުގައި ރާއްޖެއިން ބޭރުން އަންނަ މީހުންނާއި، މާލެއިން ރަށަށްދާ މީހުން ކަރަންޓީން ވާންޖެހޭ ގޮތާއި، ރަށްރަށުގައި ގޭގައި ކަރަންޓީން ވުމުގައި އަމަލު ކުރަންވީ ގޮތާއި، ކަރަންޓީން ކޮށްފައިވާ ގެއަށް މީހުން ވަނުމާއި ނިކުތުމާއި އަދި ކަރަންޓީން ކުރެވޭތަނުގެ ހުންނަން ޖެހޭ މިންގަނޑުތައް ވަނީ ކަނޑައަޅާފައެވެ.