މާލެއިން ބ. ތުޅާދުއަށް ކަރަންޓީނު ވާން ގޮސް ހުރި މީހަކު ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

ބ. ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު "ދަ ޕްރެސް" އަށް ވިދާޅުވީ، މަރުވެފައިވަނީ އެރަށު ސަމަންދަރު އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާއަކީ މާލޭގައި ހުރެފައި ކަރަންޓީނު ވުމަށް ރަށަށް ދިޔަ މީހެއް ކަމަށާއި، އޭނާ މާލެއިން ރަށަށް ދިޔައީ މި ހިނގާ ޖުލައި މަހުގެ 8 ވަނަ ދުވަހު ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަރުވި މީހާއަކީ ހަކުރު ބައްޔަށް ބޭސް ކުރާ މީހެއް ކަމަށާއި އޭނާ ކޮވިޑަށް ސާމްޕަލް ނަގާ އަދި ނަތީޖާ ނުލިބޭ ކަމަށެވެ.

"ވަޅުލާނީ ސާމްޕަލްގެ ނަތީޖާ ލިބުމުން، އުންމީދު ކުރަނީ 9 ގެ ކުރިން ވަޅުލުމުގެ ކަންކަން ކުރެވޭނެ ކަމަށް"
އަހުމަދު ރަޝީދު

މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވް ތޯ ނުވަތަ ނޫންތޯ ބެލުމަށް މިހާރު ވަނީ ސާމްޕަލް ނަގާފައެވެ. އަދި ސާމްޕަލްގެ ނަތީޖާ ނުލިބޭތީ ވަޅުމުގެ ކަންކަން އަދި ނުނިންމައެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.