ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 11 މީހެއްގެ ބަޔާން ނަގައި، ވިކްޓިމް އަކަށް ވީ އަންހެން މީހާގެ ފޯނު، މޫދުން ހޯދިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޭސް ތަހުގީގުު ކުރުމަށް ހަވާލުވެ ހުރި ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރްޔަމް އަޒްމާ ވިދާޅުވީ، މައްސަލައިގައި ސީން އޮފް ކްރައިމް ޕްރޮސެސް ކުރެވި، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ އެ މައްސަލަ ރިޕޯޓުކުރީ ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށާއި މައްސަލަ ހުށަހެޅި ވަގުތު އަންހެން މީހާ ފުރަތަމަ ބުނީ ތުހުމަތުވާ ދެމީހުން އޭނާގެ ފޯނު އަތުލައި، ފޯނު ނުދީގެން އުޅޭ ވާހަކަ ކަމަށެވެ. ނަމަވެސް އެ ވާހަކައިގެ ތެރެއިން އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނި ކަމަށާއި، އެހިސާބުން ތުހުމަތުވާ ދެމީހުން ހައްޔަރުކޮށް، ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ފެށިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް އެ މައްސަލައާ ގުޅިގެން 11 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށާއި ފުލުހުންގެ ފޮރެންސިކް ޑައިވިން ޓީމުން، އެ ސަފާރީ އަޅާފައިވާ ސަރަހައްދަށް ޑައިވްކޮށް ވިކްޓިމްގެ ފޯނު ހޯދާފައިވާ ކަމަށް އަޒްމާ ވިދާޅުވިއެވެ.

ސަފާރީ ކޭސްގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އަޑުއުފުލަމުން ދާއިރު އެ މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރި ދެމީހަކު ހައްޔަރުގައި ބަހައްޓާނެ ބޭނުމެއް ނުފެންނަ ކަމަށް ބުނެ ފުލުހުން ވަނީ އެމީހުން ދޫކޮށްލާފައެވެ. އަދި އެ ދެމީހުން ދޫކޮށްލާފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށް ބުނެ ގިނަ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ފުލުހުން އެކަން ދޮގުކޮށްފައި ވާއިރު، މިއަދު ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ހައްޔަރުުކޮށް ދޫކޮށްލި ދެމީހުން ފިޔަވައި އިތުރު މީހަކަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށާއި އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.