ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާއެކު ރެކޯޑް މިންވަރަކަށް ދަށަށް ދިޔަ ދުނިޔޭގެ 2 ވަނައަށް އެންމެ ވަރުގަދަ އިގުތިސޯދު ކަމަށްވާ ޗައިނާގެ އިގުތުސޯދީ ކުރިއެރުމުގެ ދުވެލި، މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ކުރިއަށް ޖެހިލައިފިއެވެ.
ކޮވިޑް-19ގެ ލޮކްޑައުން އަމުރުތަކާއެކު ހީނަރުކަމެއްގައި އޮތް ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި، މިއަހަރުގެ 2 ވަނަ ކުއާޓަރުގައި، 3.2 ޕަސެންޓް ކުރިއަރާފައިވާކަމަށް ރެކޯޑް ތަކުން ދައްކައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލީ އޮތީ 6.8 ޕަސެންޓްގެ ވެއްޓުމެއްގައެވެ.
ޗައިނާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ވަނީ، މިއަހަރުގެ އޭޕްރިލް މަހާ ޖޫން މަހާ ދެމެދު ފާއިތުވި 2 ވަނަ 3 މަސްދުވަހުގެ ތެރޭގައި ކުރިއަރާފައެވެ.
ޗައިނާގެ އިގުތިސޯދާ ގުޅިގެން އާންމުކުރަމުންދާ ތަފާސް ހިސާބުތަކަކީ މުޅި ދުނިޔެވެސް އެ މައުލުމާތަކަށް ފާރަވެރިވެ އޮތް މައުލޫމާތެކެވެ.
ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި ހެޔޮ ފާލަކަށް އެޅެން ފެށުމާއެކު، އިގުތިސޯދު އިނދަޖެހުމުގެ ބިރުވެރިކަން މިހާރު ވަނީ މުޅިންހެން ފިލާފައެވެ.
ޖަރުމަނުވިލާތުގައި މަރުކަޒު ކޮށްފައިވާ މަލްޓިނޭޝަނަލް އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ޑޯޗަ ބޭންކުން ބުނީ، ފާއިތުވީ މަސްތަކުގައި ޗައިނާގެ ސިނާއީ އަދި އިންވެސްޓްމަންޓް ސިނާއަތް ކުރިއަރާފައިވާކަމަށެވެ. ނަމަވެސް ކޮންޒިއުމަރުން ހަރަދުކުރާ މިންވަރު އަދިވެސް އުޅެނީ، ކޮވިޑް-19ގެ ކުރިއާ އަޅާ ބަލާއިރު ދަށުގައި ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.