ކޮވިޑް-19އިން ރައްކާތެރި ވުމަށް މާލޭގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ސަރުކާރުން އިތުރު ކުރަނީ ރެލީ ބާއްވަން އުޅޭތީ ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅު ކޯލިށަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބާއްވަން ރާވާފައިވާ "ފެއިލްވެއްޖެ" ރެލީ ބޭއްވުމުގެ ހުއްދަ ނުލިބިގެން އެ ޖަލްސާ ފަސް ކުރަން ނިންމައިފައިވާ ކަމަށެވެ.

ޖަލްސާ ފަސް ކުރަން ނިންމިއިރު ދެން ޖަލްސާ ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށާއި އިދިކޮޅުން ޖަލްސާ ބޭއްވުމަށް ސަރުކާރުން ހުއްދަނުދިނުމަކީ ހިޔާލު ފާޅުކުރުމަށް އެޅިގެންދިޔަ ހުރަހެއް ކަމަށް ސުޖާއު ވަނީ ފާހަގަ ކުރައްވާފައެެވެ. އެހެން ކަމުން ސަރުކާރުގެ ނާގާބިލުކަން ހާމަވެގެން ދަނީ ކޮންމެ ކަމެއްވެސް ކޮވިޑްގެ މިހާލަތާއި އަޅުވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ފެއިލްވެއްޖެނަމުގައި ޖަލްސާ ބާއްވަން އިއުލާންކުރުމާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެގެން ގޮސްފައިވާ ކަމަށާއި އެޗްޕީއޭ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިސޯރުކޮށްފައިވާ ކަމަށާއި އެޗްޕީއޭ އިން ކަނޑައަޅާ މިންގަނޑުތައް ވެސް އެމަނިކުފާނު ބަދަލުކުރައްވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅޫވިއެވެ. އަދި މި ސަރުކާރު ބޭނުންވަނީ މި ފަސް އަހަރު ރައްޔިތުން ގޭގައި ބަންދުކޮށްގެން ފުރިހަމަ ކުރަން ކަމަށް ވިދާޅުވި ޝުޖާއު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އަޅުގަނޑުމެން ތާރީހެއް މިއަދު ކަނޑައަޅައިފިނަމަ ދުވަހަކުވެސް މި ލޮކްޑައުން އެއް ދިވެހިންގެ ތެރެއިން ފިލައިގެން ނުދާނެކަން މިއޮތީ އަޅުގަނޑުމެންނަށް ޔަގީންވެފަ، އެހެންވީމަ މި ލޮކްޑައުން އަކީމީ ރައްޔުން ގޭގައި ބައިތިއްބައިގެން މަގުމައްޗަށް ނުނެރެންވެގެން އިބްރާހިމް މުހައްމަދު ސޯލިހް ގަސްތުގަ ރާވައިގެން ހިންގާ ކަމެއް
ޝުޖާއު

އިދިކޮޅު ރެލީ ބޭއްވުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ހުއްދަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމަޔަށް އެންމެ ސިޓީއެއް ފިޔަވާ އެހެން އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައި ނުވާ ކަމަށް އެ ބައްދަލުވުމގައި ވަނީ ފާހަގަ ކޮށްފައެވެ. ހުައްދަ ނުދިން ނަމަވެސް އެ ޖަލްސާގެ ޕްރޮމޯޝަން މަސައްކަތާއި އިންތިޒާމްގެ ކަންކަން އަދިވެސް ކުރިޔަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ސުޖާއި ވިދާޅުވީ ޕްލޭނިން މިނސިްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ވެސް ސިޓީ ހުށަހަޅާފައިވާ ކަމަށާއި ސިޓީ ކައުންސިލްގައި މާލޭގެ އެކި ސަރަހައްދުތަކުގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ރެލީ އިސްތިހާރު ކުރުމަށް ހުއްދައަށް އެދިފައި ވާނެ ކަމަށެވެ. އެ ހުއްދަ ދިނުމަށް ފަހު އިތުރު ހުއްދައެއް ފުލުހުން ކައިރިން ވެސް ނަގަން ޖެހޭނެ ކަމަށް ކައުންސިލުން އެންގި ކަމަށް ސުޖާއު ވިދާޅުވިއެވެ.