މަނީ ލޯންޑަކުރިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ހައްގު ނޫން ހުކުމެއް ކަން އެނގޭ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މަޖުބޫރުކޮށް ޓޯޗާކޮށްގެން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަމް ބިޝާމް ގާނޫނާ ހިލާފަށް އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާ ކަން އިއްޔެ ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލް ކުރަން ކުރި ހުކުމުން ސާފުވާ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައި، ހުކުމް ކޮށްފައި ވަނީ އަދީބު ދިން ބަޔާންތަކުގެ މައްޗަށް ކަމަށްވާއިރު، އެ ހެކިތަކަކީ އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް ބިޝާމް ގާނޫނާ ހިލާފަށް އުފައްދާފައިވާ ހެކިތަކުގެ މައްޗަށް އިއްވާފައިވާ ހުކުމެއް ކަން އެނގޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ވޯޓަށް އަހާފައިވާ އިރު ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ. އެހެންކަމުން މައްސަލަ ބަހުސަށް ހުޅުވާނުލައި އެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސާލަގައި އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ދާދި ފަހުން ވަނީ އުފުލާފައެވެ އެއީ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. އެއީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.