އެސެޓް ރިކަވަރީ އާއި މަރު ކޮމިޝަންގެ ބޭނުމެއް ނެތް ކަމަށާއި އެ ދެ ކޮމިޝަންގެ ގާނޫނާއި ކޮމިޝަންވެސް އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި "އަޑީ ދައުލަތު" ގެ ހަގީގަތް ހޯދަން ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ނިންމަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނުގެ ދަށުން އުފައްދަވާފައިވާ އެ ދެ ކޮމިޝަނަށްވެސް ގާނޫނުގައި ބުނާ މަސައްކަތް ފުރިހަމަ ކުރެވިފައި ނުވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ގާނޫނުގައި ބުނާ މަސައްކަތްތައް ފުރިހަމަ ކުރެވިފައި ނުވާތީ ފެނިވަޑައިގެންނަވަނީ އެ ގާނޫނުނާއި އެ ކޮމިޝަންވެސް އުވާލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައި ވާ ދެ ކޮމިޝަނެވެ.
މަރު ކޮމިޝަން އުފެއްދީ އިންސާފު ނުލިބުނު ގިނަ މައްސަލަތަކެއް އަލުން ތަހުގީގުކޮށް އިންސާފު ގާއިމްކޮށް ދިނުމަށެވެ. އެންމެ އިސްކަމެއް ދީގެން ބެލީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައި ގަންނަވާ ބާރުގެ ދަށުންނެވެ. ސްޓޭޓް އެސެޓް ރިކަވަރި ކޮމިޝަނަކީ ކޮރަޕްޝަނުގެ ތެރެއިން ދައުލަަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް އުފައްދެވި ކޮމިޝަނެކެވެ.