ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހާއެކު ދިރިއުޅެން ދަސްކުރަންޖެހިފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކުއްލި ނުރައްކާތަކާ ބެހޭ އިސް އޮފިޝަލު، ޑރ މައިކް ރާޔަން ވިދާޅުވެއްޖެއެވެ.

ޑރ ރާޔަންގެ މި އިންޒާރަކީ، ކޮވިޑް-19 ޖައްސާ ވައިރަހުން ދިފާއު ކޮށްދޭނެ ވެކްސިނެއް ކައިރި މުސްތަގުބަލެއްގައި ލިބިދާނެ ކަމަށް ކުރެވެނީ އަސްލެއް ނެތް އުއްމީދެއް ކަމަށާ، މި ވައިރަސްވެސް ދުނިޔެއިން ނައްތާލުމަކީ މާ އަވަހަށް ވެދާނެ ކަމެއް ނޫންކަން އަންގައިދޭ އިންޒާރެއްގެ ގޮތުގައި ވަނީ ސިފަކުރަން ފަށާފައެވެ.

ޑރ ރާޔަން ވިދާޅުވީ، އެއް ފަހަރު ކޮވިޑް-19 ޖެހި، ޝިފާ ލިބި ރަނގަޅުވުމަކީ، ދެވަނަ ފަހަރަށް އެ ބަލި ނުޖެހޭނެ ކަން ކަށަވަރު ކޮށްދޭ ކަމެއް ކަމަށް ބާރުދޭ ހެއްކެއް ލިބިފައި ނުވާކަމަށެވެ. ކޮވިޑް-19 ޖެހި، ހަށިގަނޑަށް ކޮންމެވެސް ކަހަލަ ދިފާއީ ބާރުތަކެއް ލިބުނު ކަމުގައި ވީ ނަމަވެސް، އެއީ ކިހާ ދުވަހަކަށް ދެމި އޮންނާނެ ކަމެއްކަން އަދި ހޯދިފައި ނުވާކަމަށްވެސް ޑރ ރާޔަން ވިދާޅުވިއެވެ.

ދާދިފަހުން، ކިންގްސް ކޮލެޖު ލަންޑަންއިން އާންމުކުރި ދިރާސާވެސް އޮތީ މިފަދަ ރޫހެއްގައެވެ. އެ ދިރާސާ ބުނާ ގޮތުގައި، ކޮވިޑް-19ޖެހި، ޝިފާ ލިބޭ މީހުންގެ ހަށިގަނޑަށް ލިބޭ ދިފާއީ ބާރުގެ އުމުރު ކުރެވެ.

ކޮވިޑް-19ގެ 96 ޕޭޝަންޓެއް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި އަލިއަޅުވާލާފައިވަނީ ހަށިގަނޑުގައި އުފައްދާ އެންޓިބޮޑީޒް މަސައްކަތް ކުރަނީ ކިހާ ދުވަހެއް ވަންދެންތޯ ދެނެގަތުމަށެވެ. ބައިވެރިންގެ ތެރެއިން ގިނަ ބައެއްގެ ހަށިގަނޑުން އެންޓިބޮޑީޒް ފެނުނު ކަމުގައި ވީ ނަމަވެސް، 3 މަހެއްހާ ދުވަސްވީއިރު، އެންޓީބޮޑީޒްގެ ބާރު ކެނޑެން ފަށާފައިވާކަމަށް ދިރާސާގެ ހޯދުންތަކުގައި ވަނީ ބަޔާންކޮށްފައެވެ.