ކޮވިޑް އިތުރު ޥާތީ 30 މީހުނަށްވުރެ ގިނައިން އެއް ނުވާން އެޗްޕީއޭއިން އަންގައިފިއެވެ.

އެޗްޕީއޭއިން ދާދި ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑަށް ޕޮޒިޓިވް ވަމުން ދާ މީހުން ނާއި، ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓް ވެސް އިތުރު ވަމުން ދާ ކަމަށެވެ. މީގެ އެއް ސަބަބަކީ ފުރަބަންދުގެ ލުޔާ އެކު، ބައެއް ފަރާތްތަކުން ގިނަ މީހުން އެއްވާ ގޮތަށް ހަފްލާތަކާއި، ޕާޓީތަކާއި ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބޭއްވުން ކަމަށެވެ.

އެޗްޕީއޭއިން ކޮންމެ ރެއަކު އާންމު ކުރާ ކޮވިޑް އަދަދުތަކަށް ބަލާއިރު ޕޮޒިޓިވް ވާ ދިވެހިންގެ އަދަދުތައް ހުރީ ފަންސާހާ ހިސާބުގައެވެ. އަދި ބައެއް މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި 70-80 އާ ދެމެދުގެ އަދަދަކަށް މީހުން ފާހަގަ ވަމުން ދެއެވެ.

އެޗްޕީއޭއިން ބުނީ، ފުރަބަންދުގެ ލުއި ދިނުމުގައި އަމަލު ކުރަން އެ އިދާރާއިން އަންގާފައި ވާ ގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރުމަށާއި، 30 މީހުންނަށް ވުރެ ގިނައިން އެއްތަނެއްގައި އެއްވަގުތެއްގައި އެއްވެ ނޫޅުމަށެވެ. އަދި ކޮންމެހެން ގިނަ ބަޔަކު ބައިވެރިވެގެން ބާއްވަން ޖެހޭ ބައްދަލުވުމެއް ނަމަ އޮންލައިންކޮށް ބޭއްވުމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިން މިރޭ ނޫސްބަޔާނެއް ނެރެފައި ވާއިރު، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ދަނީ، ގިނަ ބަޔަކު ބައިވެރި ކޮށްގެން މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. ކާނިވާ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރާ ޖަލްސާއަކީ، ބިޔަ ބޮޑު ޖަލްސާއެއްކަމަށް އިދިކޮޅުން ވަނީ ވުނެފައެވެ.

އެޗްޕީއޭގެ މި އެންގުން އައި އިރު، މިދުވަސްވަރު ގިނަ އަދަދެއްގެ ބިދޭސީން އެއްތަނަކަށް އެއްވެ މުޒާހަރާ ކޮށް ހަމަނުޖެހުން ހިންގާކަންވެސް ދަނީ ފާހަގަ ކުރެވެމުންނެވެ.