މި ހިނގާ ޖުލައި މަހުގެ 26 އިން ފެށިގެން އޮގަސްޓް މަހުގެ 3 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެއެވެ. ޖުލައި 26 ފާހަގަ ނުކުރިއަސް ޖުލައި 26 އާ ދިމާކޮށްފައި ބަނދުކުރަން ކުރިން ނިންމާފައިވާ މި މަހުގެ 28 އަދި 29 ވަނަ ދުވަސް ބަންދުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ވިދާޅުވެފައެވެ.
ހޫދު ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މި އަހަރުގެ ބަންދު ދުވަސްތައް ރައީސް އޮފީހުން ކަނޑައަޅާފައި ވާ ޑައިރެކްޓްރީގައި ވާ ގޮތުން މި މަހުގެ 28 އަދި 29 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމަށެވެ.
މި މަހުގެ 26 އަދި 27 ބަންދު ކަމަށް ހަމަޖައްސާފައި ވަނީ މިނިވަން ދުވަހަކާ ގުޅިގެންނެވެ. އަދި އެ މުނާސަބަތާ ގުޅިގެން މި މަހުގެ 28 އަދި 29 ވަނީ ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖައްސާފައެވެ. އެއަށްފަހު މި މަހުގެ 30 ވަނަ ދުވަސް ވެގެން ދަނީ ހައްޖު ދުވަހަށެވެ. ޖުލައި 31 އަކީ އަޟްހާ އީދަށް ވާއިރު އެއީ ހުކުރު ދުވަހެކެވެ. އަދި އޯގަސްޓް 1 ވާ ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދުވަހަށް ވާ އިރު އޯގަސްޓް 2 އަދި 3 މި ދެ ދުވަހަކީ އަޟްހާ އީދާ ގުޅިގެން ބަންދު ކުރާ ދުވަސްތަކެވެ.
ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުމާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް މި އަހަރު ނުބާއްވާނެއެވެ. އެހެން ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި، ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ރައީސް ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް ލިބުމުން ކޮންމެ އަހަރަކުވެސް ރަށްރަށަށް މީހުން ފުރަފުރައިގެން ދިޔަ ނަމަވެސް މިއަހަރު އެ ގޮތަށް އެއްރަށުން އަނެއް ރަށަަށް ދަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ކޮވިޑް-19 ރާއްޖެއިން ފެނުމާ އެކު އިއްލާން ކުރި ލޮކްޑައުނަށް ލުއިތަކެއް ދީފައިވީ ނަމަވެސް މި ވަގުތު ހާލަތު ނާޒުކު ވަމުން ދާ ކަމަށް އެޗްޕީއޭއިން އަންނަނީ ބުނަމުންނެވެ. ކޭސްތައް މަދުވުމާއެކު ލޮކްޑައުންއަށް ލުއިތައް ދީ މީހުން މަގުމައްޗަށް ނުކުމެ އުޅުން އިތުރު ވި ފަހުން އަނެއްކާވެސް އިތުރު ކޭސްތައް ފެންނަން ވަނީ ފަށާފައެވެ. އެ ގޮތުން މިހާރު ވިދި ވިދިގެން 4 ދުވަހެއްގެ ސްޓެޓިސްޓިކްސް އަށް ބަލާލިއަސް އެ އަދަދު އިތުރުވަމުން ދާ މިންވަރު ފާހަގަ ކުރެވޭނެއެވެ.
މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 2731 އަށް އަރާފައެވެ. އަދި މި ބަލި ޖެހިފައިވާ ދިވެހިންގެ އަދަދު ވަނީ 1082 އަށް އަރާފައެވެ.