ކެބިނެޓުގައި ތިބި އެއްވެސް ވަޒީރަކަށް ސައްހަ ވިސާއެއް ނެތް ބިދޭސީންނަށް ކާޑެއް ހައްދައިގެން ރާއްޖޭގައި އުޅެވެނެ ގޮތް ހޯދައިދިނުމުގެ ބާރެއް ނޯންނާނެ ކަމަށް ކުރީގެ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ ވިދާޅުވީ، އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކަށް ކާޑެއް ހަދައިގެން ރާއްޖޭގައި ދިރިއުޅުމުގެ ފުރުސަތު ދިނުމަކީ ކެބިނެޓުގައި ތިބި އެއްވެސް ވަޒީރަކަށް ލިބިވަޑައިގެންފައިވާ ބާރެއް ނޫން ކަމަށެވެ. ރާއްޖޭގައި ތިބި ބިދޭސީންގެ އަތުގައި ސައްހަ ވިސާއެއް ނެތިއްޔާ އެފަރާތްތައް އެނބުރި އެމީހެއްގެ ގައުމަށް ދެވެންދެން އާއްމު ދިރިއުޅުމުގައި ރާއްޖޭގެ ރަށްރަށުގައި ގެންގުޅެވޭނީ ގާނޫނު ބަދަލުކޮށްގެން ކަމަށް މޫސަ ވިދާޅުވިއެވެ.

"ޕާސްޕޯޓު އޮތަސް ނެތަސް ދެވަނަ ފުރުސަތު ދީގެން ކާޑު ހަދައިގެން މިރާއްޖޭގަ ބަންގާޅީން ގެންގުޅުން ހުއްޓުވާ! ވޭތުވި ވިއްސަކަށް އަހަރު ހޯދުނު ގޮތަކުން ލާރި ހޯދައިގެން މިތާ އުޅުނު ބަންގާޅީން މިގައުމު މިހާލުގައި އޮއްވާ މިހާ އަނިޔާވެރި ވާނެކަމަށް ހީވެސްނުކުރަން"
މޫސާ މަނިކު

ހަމައެއާއެކު ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މީހުންނަށް ނިސްބަތް ކުރައްވާ މޫސާ މަނިކު ވިދާޅުވީ، އެމީހުންގެ ޕާސްޕޯޓް އޮތަސް ނުވަތަ ނެތަސް ދެވަނަ ފުރުސަތު ދީގެން ކާޑު ހަދައިގެން އެ މީހުން ރާއްޖޭގައި ގެންގުޅުން ހުއްޓަލަން ޖެހޭ ކަމަށެވެ. އެގޮތުން ވޭތިވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި އެފަދަ ބަންގްލަދޭޝް މަސައްކަތްތެރިން ފައިސާ ހޯދުނު ގޮތަކަށް ހޯދައިގެން މިތާ އުޅުމަށްފަހު މިއަދު ރާއްޖެ މިއޮތް ހާލަތުގައި އެމީހުން ނުކުމެ އަނިޔާވެރި ވާނެ ކަމަށް ހީނުކުރައްވާ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން މާލެއަށް ޖަމާވިޔަ ނުދިނުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ. އަދި ހުޅުމާލޭގައި މިއަދު ހިނގި ހަމަނުޖެހުމަކީ މަޖިލީހުގައި ބިދޭސިންގެ މައްސަލައިގެ ބަހުސް ކުރާތީ ރާވައިގެން ހިނގާފައޮވާ ކަމެއްކަމަށް މޫށާ މަނިކު ވިދާޅުވިއެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީން މިއަދު ކުރި މުޒާހަރާގެ ތެރެއިން

ބިދޭސީންގެ މައްސަލާގައި މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ދިޔަ ވަގުތު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ ބިދޭސީން ހިންގަމުންދާ މުޒާހަރާތަކަކީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއްގައި ހިންގަމުންދާ ކަމެއް ކަމަށެވެ. ހަމައެއާއެކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ގަވާއިދަށް ފައްތައި ލިޔެކިއުން ހަވާލުކުރި ފަހުން އެ ބިދޭސީންގެ ގައުމުތަކުން ބިދޭސީން ގެންދިއުމުގައި އެއްބާރުލުން ލިބެމުންދާ ކަމަށް ފައްޔާޒް ވިދާޅުވެފައި ވެއެވެ. އެގޮތުން މިހާތަނަށް 4000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށާއި އަންޑޮކިއުމަންޓަޑް 20،000 ބިދޭސީން އެ މީހުން ރުހުމުގައި ފޮނުވާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވެފައި ވެއެވެ.

މިއަދު ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް ވަނީ މުޒާހަރާ ކޮށްފައެވެ. މި މުޒާހަަރާ ހޫނުވެ ފުލުހުންތަކަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަށް އަދި އެ ސަރަހައްދުގެ ބައެއް ގެތަކަށް ގެއްލުން ލިބިފައިވެއެވެ. މިކަމާ ގުލީގެން 40 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން މިއަދު މުޒާހަރާކޮށްފައިވާއިރު، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާކޮށްފައެވެ. އެދުވަހު ވެސް ބިދޭސީންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މުޒާހަރާ ކުރި ބިދޭސީން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުލިބޭތާ 6 މަސް ވެފައިވާއިރު، ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެހާ ލާރި ވެސް އެމީހުން އަތުގައި ނެތެވެ.