ކޮވިޑް-19އާ އެކު އުފެދިގެން އައި "ނިއު ނޯމަލް" ވެގެން ދިޔައީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު އެއްޗަކަށެވެ. ލޮކްޑައުން އުވާލާ ދެ މަސް ވަންދެން ބަންދުކުރި މާލެ ސިޓީ ހުޅުވާލުމާއެކު، ސޯޝަލް މީޑިއާ ފުރާލީ ކެފާތަކާއި، ފިނި މައިޒާންތަކަށް އަދި ދުއްވާލަން ނިކުންނަ މީހުންގެ "ނިއު ނޯމަލް" ޕޯސްތުތަކުންނެވެ.
ނިއު ނޯމަލް ހަމަ އަސްލުވެސް އާ ދެއްތޯއެވެ. މާސްކު އަޅައިގެން މޫނު ނިވާކޮށްގެން ބޭރުގައި އުޅެން ޖެހުމުން އެއްބަޔަކަށް ކަމުދާ ކަމަކަށްވީއިރު އަނެއް ބަޔަކަށް ވީ ދުއްތުރާލަކަށެވެ. ނިއު ނޯމަލްގައި ބޭރަށް ނިކުމެގެން އުޅުން މަޖުބޫރުވީ ކަހަލައެވެ. މަގުތައް ފުރާލާ، ކުރިއަށްވުރެ ބޮޑަށް ތޮށްޖެއްސި ކަހަލައެވެ.
ޖޫން 15 އިން ފެށިގެން މަގުތައް ފުރާލި ފުރާލުމާއެކު މީހުންގެ އަމަލުތައް ހުންނަ ގޮތުން ހިތާހިތުން ކޮވިޑްގެ ދެވަނަ ރާޅެއް ބޯމައްޗަށް ބިންދާލަން އުޅޭ ކަހަލަ އިހުސާސުތަކެއް ކުރެވޭ ކަހަލައެވެ. ދެވަނަ ރާޅުގެ ނުރައްކާތެރި ސިގްނަލްތައް އަޅަން ފެށީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮންމެ ދުވަހަކު އާންމުކުރާ ނަންބަރުތަކާއެކުއެވެ.
ރާއްޖޭގައި މިހާތަނަށް ޖުމްލަ 2731 މީހުން ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރެއިން ދިވެހިންނަކީ 1082 މީހުންނެވެ. ލޮކްޑައުން ކޮށްފައި އޮތް ދެ މަސް ދުވަހުގެ ނަންބަރުތަކަށް ބަލާލާއިރު، ދިވެހިންގެ ޕޮޒިޓިވްވާ މިންވަރު އުޅުނީ ބިދޭސީންނަށްވުރެ ބޮޑުތަނުން ވެސް ދަށުގައެވެ. އޭރު ބަލި ފެތުރިގެން ދިޔައީ ބިދޭސީންގެ މެދުގައެވެ. ދިވެހިން ތިބީ ބަސް އަހައިގެން ގޭގައެވެ.
ދިވެހިން ޕޮޒިޓިވްވާ އަދަދު ގިނަވާން ފެށީ ލޮކްޑައުނަށް ފަހު ހުޅުވާލި ހުޅުވާލުމުގައެވެ. އެގޮތުން ޖޫންމަހު ޖުމްލަ 572 މީހުން ޕޮޒިޓިވްވެފައިވާއިރު، 270 މީހުންނަކީ ދިވެހިންނެވެ. މީގެ ތެރެއިން ޖޫން 15 އަށްފަހު 326 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 122 މީހުންނަކީ ދިވެހިންނެވެ. އަދި ޖުލައި މަހު މިހާތަނަށް 370 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 251 މީހުންނަކީ ދިވެހިންނެވެ.
ލޮކްޑައުނަށްފަހު މިވީ މަހެއްހާ ދުވަސް ތެރޭގައި 696 މީހުން ޕޮޒިޓިވިއިރު އޭގެ ތެރެއިން 373 ދިވެހިން ޕޮޒިޓިވްވުމަކީ މިއީ ނުރައްކާތެރި ރަނގަބިލެއް ނޫންބާއެވެ. މިފަހަކަށް އައިސް 40-60 ދިވެހިން ޕޮޒިޓިވްވަމުން ދިއުމުން ކުރިއަށް އޮތްތާ މި އަދަދުތައް އިތުރުވާނެ ކަމަށް ބެލެވެއެވެ. މިހާރަށްވުރެ ގިނަ ކުދިން ސްކޫލަށް ގެންގޮސް ކިޔަވައި ދިނުމާއި ކޮލެޖު ޔުނިވާސިޓީތައް ހުޅުވާލުން އަދި ޗުއްޓީގައި ތިބި މީހުންތައް މާލެ އައިސް، ހެލަމޭލަވެ އުޅެން ފެށުމުން މިއަދަދުތައް އިތުރުވާނެއެވެ.
މިއީ ނުރައްކާތެރި ސިގްނަލެއް ކަމަށް ސިއްހީ މާހިރުން ތަކުރާރުކޮށް އެ ވިދާޅުވާ ވިދާޅުވުން ދިވެހިންނަށް ހަމަ ނީވޭ ކަހަލައެވެ. އިލްތިމާސްކުރަނީ ހަމަ ވަރަށް 'ސިމްޕަލް' 4 ކަމެއްގެ ވާހަކައެކެވެ. މާސްކެއް އެޅުމާއި، ގައިދުރުކުރުމާއި، ގިނަގިނައިން އަތް ސާފު ކުރުމުގެ އިތުރުން ބަލިވެ އުޅޭ ނަމަ މީހުންގެ ތެރެއަށް ނުގޮސް ޓެސްޓު ކުރުމަށެވެ.
މިއީ ހަމަ އެހާވެސް އުނދަގޫ ކަމަކީ ބާއެވެ. ވަރަށް ފަސޭހަ 4 ކަމެއް ކޮށްގެން ހުރިހާ ގޮތަކުން އަތްފައި ބަނދެލާ މި ބަލިން ސަލާމަތްވާނެ މަގު އޮތް އިރު އެކަން ނުކުރެވެންވީ ސަބަބަކީ ކޮބާތޯއެވެ. މިއަދު ބަލިވެ އުޅެމުން ވެސް އޮފީސް މަސައްކަތް ކުރަން އޮފީހަށް ހާޒިރުވާން ޖެހޭތީ އޮފީހަށް ދިޔުމުން، މާދަމާ އެއަށްވުރެ ބޮޑު މަސައްކަތެއް ޖެހޭ ދުވަހު ތިމާއާއި ތިމާއާއެއްކޮށް މަސައްކަތް ކުރާ މީހުން ވެސް މި ބަލީގެ ޝިކާރައަކަށްވެ އަތްފައި ބަނދެވިފައި ތިބުމަކީ އެކަކުވެސް ބޭނުންވާނެ ކަމެއް ނޫނެވެ.
ހަމައެއާއެކު ބައްޔަށް ބިރަށް ނޫޅެވޭނޭ ކިޔާ ބައްޔާ ކުރިމަތިލާން ނިކުންނަ މީހުން ވެސް މަދެއް ނޫނެވެ. ތިމާ އަމިއްލައަށް ގަދަ ހެދިގެން ބައްޔާ ކުރިމަތިލާން ތިޔަ ނިކުންނައިރު، އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ތިމާއަށް ނޫންކަން ވެސް ނުވިސްނެއެވެ. ގޭގައި ތިބޭ ކުޑަކުދިންނާއި މުސްކުޅިން އަދި ބަލި މީހުންނަށް ކޮވިޑް ހިފައިގެން ގޮސް ދެވެނީ ތިމާއަށް ކަން ހަނދާނުގައި ބަހައްޓާށެވެ.
ބޭރަށް ވެސް ދާން ވީއެވެ. އެއްވުންތައް ވެސް ބާއްވަންވީއެވެ. ދެންވެސް ކުރަން ބޭނުންވާ ކަމެއް ކުރަންވީއެވެ. އެކަމު ކޮވިޑާއެކު އުޅެން ދަސްކުރާށެވެ. ކޮވިޑް ފޮހެވިގެން ދިޔައީއެއް ނޫނެވެ. ބަލި އެބައޮތެވެ. މީގެ ކުރިން 13 މީހުން ގެންދިޔަހެން އިތުރު ބަޔަކު ވެސް ގެންދިއުމުގެ މަގްސަދުގައެވެ. އެކަން ހުއްޓުވާނީ ތިމާ ކަމަށް ހަދާށެވެ. ޑޮކްޓަރުންގެ ސިމްޕަލް 4 ސްޓެޕްސްތަކަށް އިސްކަން ދޭށެވެ.