ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހަގީގީ ފެށުމަކީ ކޮބައިކަން ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މަންދޫބުންތަކެއް ޗައިނާއަށް ހިނގައްޖެއެވެ.

އެޑްވާންސްޑް ޓީމެއްގެ ގޮތުގައި ޗައިނާއަށް ދިޔަ ޑަބްލިއުއެޗްއޯގެ ޓީމުގައި ހިމެނެނީ 2 މެމްބަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޑަބްލިއުއެޗްއޯގެ އެމާޖެންސީސް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑައިރެކްޓާ ޑރ މައިކް ރާޔަން ވިދާޅުވީ، 2 މެމްބަރުންގެ ތަޖުރިބާކާރުންގެ ޓީމުން މަސައްކަތް ކުރަމުންދާނީ ވައިރަހުގެ ހަގީގަތް ހޯދުމަށް ޑައިބްލިއުއެޗްއޯގެ ބައިނަލްއަގުވާމީ މިޝަންއިން ހަރަކާތްތެރިވާނެ ގޮތުގެ ޓާމްސް އޮފް ރެފަރެންސްއާއި ދިރާސާ ކުރިއަށް ގެންދާނެ ގޮތް ދެނެގަނެ، އެފަދަ ކަންކަން އެކުލަވާލުމަށް ކަމަށެވެ.

ޗައިނާގައި އުފާފާޅުކުރުންތަކެއް ކުރިއަށްދަނީ/ފޮޓޯ: ޝީންހުއާ ނިއުސް

ޑަބްލިއުއެޗްއޯގެ ބައިނަލްއަގުވާމީ މިޝަންގެ މަގުސަދަކީ، ޖަނަވާރުންގެ ތެރޭގައި ކޮވިޑް-19 އާލާވާ ގޮތް ދެނެގަތުމާ، ޖަނަވާރުންގެ ކިބައިން އިންސާނުންގެ ހަށިގަނޑަށް ވައިރަސް "ފުންމާލި" ގޮތް ދެނެގަތުން ކަމަށްވެސް ޑރ ރާޔަން ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ޑަބްލިއުއެޗްއޯގެ އެޑްވާންސްޑް ޓީމުގައި ހިމެނެނީ ޖަނަވާރުތަކުގެ ސިއްހަތާ ބެހޭ ތަޖުރިބާކާރެއްގެ އިތުރުން އެޕިޑީމިއޮލޮޖިސްޓެއް ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި އެޑްވާންސްޑް ޓީމުން މަސައްކަތް ކުރާނީ މައިގަނޑު 2 ސުވާލެއްގެ ޖަވާބު ހޯދުމަށެވެ.

  1. ވާލުގެ ހަށިގަނޑުގައި މި ވައިރަސް އުޅޭ ކަން އެނގޭ، ނަމަވެސް ދެވަނަ ބާވަތެއްގެ ޖަނަވާރެއް މިކަމުގައި ޝާމިލުވޭތޯ، އަދި އެ ބާވަތުން ވައިރަސް ފެތުރީ؟
  2. ޖަނަވާރުންގެ ހަށިގަނޑުން އިންސާނުންގެ ހަށިގަނޑަށް ވައިރަސް ފުންމާލީ ކިހިނެއް؟

ކޮވިޑް-19 ޖައްސާ ވައިރަހުގެ ހަގީގަތް ހޯދުމުގެ މަސައްކަތް، ޑަބްލިއުއެޗްއޯއިން ފުޅާ ދާއިރާއެއްގައި ފަށާފައި މިވަނީ، ދުނިޔޭގެ އެންމެ ބާރުގަދަ 2 ގައުމުގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާއިން، މި ބަލިމަޑުކަމުގައި ވަރުގަދަ ހަނގުރާމައަކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ޑަބްލިއުއެޗްއޯއަކީ ޗައިނާގެ ޕަޕެޓެއް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވާއިރު، ޗައިނާއިން ބުނަމުންދަނީ އެއްވެސް ކަމެއް އޮޅުވާލާފައި ނޯންނާނެ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް (ކ) އަދި އެއިދާރާގެ ކުއްލި ނުރައްކާތަކާ ބެހޭ އިސްވެރިޔާ ޑރ މައިކް ރާޔަން/ފޮޓޯ: ޑެނިއަލް ބެލިބޫސް

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ، 2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ވޫހާން ސީޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓަކުންނެވެ. ބަލީގެ ފުރަތަމަ ކޭސްތައް ފެނުނީ ޗައިނާއިން ކަމުގައި ވީ ނަމަވެސް، ބަލި ޖައްސާ ވައިރަހުގެ ފެށުމަކީ ޗައިނާއަށް ނުވެ ހިނގައިދާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. ކޮވިޑް-19 ޖައްސާ ވައިރަހުގެ ފެށުމަކީ ކޮބައިކަން އަދިވެސް ހޯދިފައެއް ނުވެއެވެ.