ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައިވާކަން އިއުލާން ކުރެއްވީ މިއަދުގެ މަޖިލިސް ފައްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އޭނާ އިސްތިއުފާ ދެއްވީ މިއަދު ހެނދުނެވެ.

އޭނާ އިސްތިއުފާ ދެއްވި އިރު ޝަމީމްގެ އިތުރުން ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި އިތުރު ދެ މެމްބަރަކު ހިމެނޭ ގޮތަށް ހަތަރު މެމްބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ނަޝީދު ވިދާޅުވީ، އެހެންކަމުން ކޮމިޓީ ރިޕޯޓަށް ވޯޓު ނެގުމުގައު ޝަމީމް ހިމަނަން ނުޖެހޭނެ ކަމަށެވެ.

ޝަމީމް އިސްތިއުފާ ދެއްވާފައިވާއިރު، އޭނާއާއެކު އެ ކޮމިޝަނުގެ 4 މެންބަރަކު މަގާމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ މިިދިޔަ މަހު 29 ގައި ނިންމާފައެވެ. މަގާމުން ވަކި ކުރަން ނިންމީ، ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔައެވެ. ނަމަވެސް މައްސަލައަށް ޖަވާބުދާރީ ވުމުގެ ގޮތުން އާމިރާ މަޖިލީހަށް ފޮނުވި ސިޓީއަކާއެކު، އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޮމެޓީން ވަނީ ނިންމާފައެވެ.