ޓޫރިޒަމް މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް) ބޭއަދަބީ ބަހުރުވައިން ޓްވީޓް ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ސްމިތްގެ މައްސަލައެއް ބަލަންފަށާފައިވާ ކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައި ވާއިރު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައި ވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ.‏

އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް ސޯލިހް އެންގެވި ނަމަވެސް އޭނާ ރަސްމީ ސިފައެއްގައި އިސްތިއުފާ ދެއްވިކަމުގެ ސިޓީއެއް ރައީސް ސޯލިހަކަށް ނާރުވައެވެ. އޭނާ މަގާމުން ވަކިކުރީ ރަސްމީކޮށް އިސްތިއުފާ ނުދެއްވުމުންނެވެ.

ހަމަ އެހެންމެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.