ރ. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ ރައީސް އަލީ ޖާވިދު ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި، އޭނާ ޕޮޒިޓިވް ކަން އެނގިފައި ވަނީ ކަރަންޓީނުގެ 14 ދުވަސް ހަމަވެ، އިއްޔެ ނެގި ސާމްޕަލް އަކުން ކަމަށެވެ.

ޖާވިދު ވިދާޅުވީ ޕޮޒިޓިވް ވި ފަރާތް މިހާރުވެސް ހުރީ ހޯމް ކަރަންޓީނުގައި ކަމަށާއި އޭނާ ކަރަންޓީނު ވެގެން ހުރީ އެކަނި ކަމަށެވެ. އަދި އޭނާ އެރަށަށް ގޮސްފައި ވަނީ އިފުރު މަގުން ކަމަށާއި، އޭނާ ދަތުރުކުރި ފްލައިޓުން އެރަށުގެ އިތުރު މީހަކު ދަތުރުކޮށްފައި ނުވާތީ އެނާ ރަށަށް ދިޔައީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެކަނި ކަމަށް ޖާވިދު މައުލޫމާތު ދެއްވައެވެ.

ހުޅުދުއްފާރުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، އެ އަތޮޅު ދުވާފަރުގައި ހޯމް ކަރަންޓީނުގައި ތިބުމަށް ފަހު ދޫކޮށްލި 3 މީހަކު ޕޮޒިޓިވް ވެ، އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. ރ. ދުވާފަރުގައި ހޯމް ކަރަންޓީންގައި ބެހެއްޓުމަށް ފަހު އެޗްޕީއޭއިން ނެގެޓިވް ކަމަށް ބުނެ ދެ ދުވަސް ކުރިން ދޫކޮށްލި ތިން މީހަކު ޕޮޒިޓިވްކަން ހާމަވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ދުވާފަރު ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީލާ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯމް ކަރަންޓީންގައި އެ ރަށުގައި ތިބި އެއް އާއިލާއަކަށް ނިސްބަތްވާ 3 މީހުން ވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ ފިރިމީހާއާއި ފިރިހެން ދަރިފުޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު އެރަށަށް ހޯމް ކަރަންޓީން ވުމަށް 11 މީހަކު ދިޔަ ކަމަށާއި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން، އެމީހުންގެ ސާމްޕަލް ނަގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ވަނީ ފޮނުވާފައެވެ. އަދި އެމީހުންގެ ނަތީޖާ ނެގެޓިވް ވުމުން ދޫކޮށްލާފައި ވަނީ މީގެ ދެދުވަސް ކުރިންނެވެ. ނަމަވެސް ދޫކޮށްލި މީހުންގެ ތެރެއިން ހަތަރު މީހެއްގެ އިތުރު ސާމްޕަލް ނަގަން ބޭނުންވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އެގޮތުން އެ ހަތަރު މީހުންގެ ތެރެއިން ތިން މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު، 2664 މީހަކު ޕޮޒިޓިވްވެ، 2268 މީހުން ރަނގަޅުވެފައިވާއިރު 13 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔާށް ފަރުވާ ހޯދަމުން ދަނީ 368 މީހެކެވެ. ޖުމްލަ 2664 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މި ޖުލައި މަހު އެކަނިވެސް 303 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 199 . ދިވެހިންނާއި 104 ބިދޭސީންނެވެ.