ރާއިދުމެން ކިޔަވަމުން ދިޔަ ކިޔެވެލީގެ އަޑު އަޒްކާގެ ކަންފަތަށް އިވެމުން ދިޔައިރު އޭނާގެ ކަންފަތް ބައްވާން އުޅޭހެން ހީވާ ފަހަރު އާދެއެވެ. އެ މާހައުލުން އިވެމުން ދިޔަ އަޑުތައް އަޒްކާއަށް އިވޭލެއް މަޑުވެ ފާޑެއްގެ ތޫނު އަޑެއް އެއް ވަރަކަށް ކަންފަތަށް އިވިއިވި ހުރުމުން އޭނާއަށް އުނދަގޫވިއެވެ. އެ އުނދަގޫތަކަށް ކެތްކުރަން ދަތިވެފައި އިން ނަމަވެސް އެކަން ހުއްޓުވަން އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކާ އެއްވަރަށް ހާސްވެ މީހާގެ މެއަށް ވަމުން ދިޔަ އުނދަގޫތަކުން ނަޖާވާން އަޒްކާ ބޭނުންވިއެވެ. ފުންކޮށް ނޭވާލާން މަސައްކަތް ކުރަމުން އިސްއުފުލާލި ވަގުތު އޭނާއަށް ފެނުނީ ބޯމަތިން އަދަޔާ ހިލާފް ގަދަ އަލިކަމެއް ފާޅުވި ތަނެވެ.
އެ އަލިކަން އައީ އަޒްކާގެ ހަށިގަނޑާ ގާތްވަމުންނެވެ. އަލިކަން ގާތްވަމުން އައި ވަރަކަށް އެ މާހައުލުން އިވެމުންދިޔަ އަޑުތައް ފަނޑުވަމުން ދިޔައެވެ. އެ އަލިކަމަކީ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކުން ސަލާމަތްވެވެން އުޅޭކަމުގެ އަލާމަތެއްކަމަށް އަޒްކާއަށް ގަބޫލު ކުރެވުނެވެ. އޭނާއަށް ފެންނަމުން ދިޔަ މަންޒަރު އެތާ ތިބި މީހުންނަށް ކިޔައިދޭން މަސައްކަތް ކުރަން އުޅުން ނަމަވެސް އަޒްކާއަށް ބަހެއް ބުނެވޭ ގޮތެއް ނުވިއެވެ. އެ އަލިކަން އައިސް އަޒްކާގެ މޫނާ ގާތްވުމުން އޭނާ ދެލޯ މަރާ ބާރުކޮށްލިއެވެ. ލޮލަށް ވާން ފެށި އުނދަގުލެއްގެ ބޮޑުކަމުންނެވެ. ދެން އެތަނުގައި ތިބި މީހުންނަށް ފެނުނީ އަޒްކާ ހަބަރު ހުސްވެގެން ވެއްޓުނު ތަނެވެ.
ހިތްވަރު ކޮށްގެން މަންޒަރު ބަލަން ދުރުގައި ހުންނަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް މޫސައަށް ހިމޭނަކުން ހުރެވޭގޮތެއް ނުވިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ކަނޑާލި ރުކެއްހެން ވެއްޓި ގުޅަވަރަކަށް ޖެހުމުން މޫސަ ތެޅިގަތެވެ. ހަބަރު ހުސްވެފައި އޮތް އަޒްކާގެ ގައިގާ އަތްޖައްސާލަމުން އޭނާގެ ދަރިފުޅަށް ގޮވާލީ އެ މަންޖެއަށް ވީ ގޮތެއް ބަލަން ބޭނުންވެފައި ހުރުމުންނެވެ. ހިލަމެއް ނުވުމުން އޭނާ ދެން ބަލާލީ ކިޔަވަން ތިބި ރާއިދުމެންނާ ދިމާއަށެވެ. ވާނުވާ އޮޅުން ފިލުވަން ބޭނުންވެފައި ހުރި މޫސަގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އަޒްކާގެ ހަށިގަނޑު އާދަޔާ ހިލާފަށް ފިނިވެފައިވާ ކަން އޭނާއަށް ނަގައިގަނެވުނެވެ. އޭނާގެ ދަރިފުޅުގެ ފުރާނައަށް ގެއްލުމެއް ވާން ނޭދޭ ހާލުގައި އެތައް ސުވާލުތަކެއްގެ ޖަވާބު ހޯދަން ކެތްމަދުވެފައި އިން މޫސަ ހިންދިރުވާލަމުން ކިޔަވަން ތިބި ރާއިދުމެންނާ ސުވާލުކުރަން އަވަސްވެގަތެވެ.
"ކަލޭ މޮޔަވެގެންތަ ތިއުޅޭނީ..."
މޫސައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ބަރުއަޑުން އަޒްކާ ހަޅޭއްލަވައިގަތުމުން މޫސަ ދިޔައީ ސިއްސައިގެންނެވެ. އެއީ އޭނާގެ ދަރިފުޅުގެ އަޑު ނޫންކަން މޫސައަށް ކަށަވަރުވިއެވެ. ރާއިދާ ސުވާލު ކުރަން ބޭނުވެފައި އިން މޫސައަށް އިވުނީ ފިރިހެންވަންތަ ބިރުވެރި ބަރު އަޑަކުން އޭނާގެ ދަރިފުޅު ހަޅޭއްލަވައިގެން އަޑެވެ. އިންތަނުން އަޒްކާ ތެދުވެ ހަޅޭއްލަވައިގަތީ ސީދާ މޫސަގެ ކަންފަތް ދަށުންނެވެ. އަޒްކާ ކައިރީ އިން މޫސައަށް ދުރަށް ޖެހިލަމުން އަޒްކާގެ މޫނަށް ރަނގަޅަށް ބަލާލީ ޖެހިލުންވެފައިވާ ހާލުގައެވެ. އެ މޫނުމަތިން އަޒްކާ ކަން ދޭހަވާ އެއްވެސް ކަހަލަ ކުލަވަރެއް ނެތެވެ. ސޫރަ އަޒްކާއާ ކިތަންމެ ވައްތަރު ވިޔަސް ހަރަކާތާއި އަޑާއި ޖައްސަމުން ދިޔަ ވައްތަރު ވަރަށްވެސް ތަފާތެވެ.
"ކޮން ކިޔެވެއްޔެއް ކިޔަވާކަށް. ހުއްޓާލާ... މިބުނީނު ހުއްޓާލާށޭ..." އިސްޖަހައިގެން އިން އަޒްކާ މަޑުމަޑުން އިސް އުފުލާލަމުން ރާއިދާ ދިމާއަށް އަތް ދިއްކުރަމުން ވާހަކަ ދެއްކީ އަމުރުވެރި ގޮތަކަށެވެ.
"ހަވަރަށް ގޮވަނީތަ؟ ކަލޭމެން ތިއުޅެނީ މޮޔަވެގެންތަ؟ މަށަށް ގޮވައިގެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބާ؟... މާ ބައިވަރުގަނޑެއް ހާސިލް ވާނެ ކަމައްތަ؟ ކަލޭމެންނަށް މިރެއަކު އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ. ތި ކުރަނީ ބޭކާރު ކަމެއް. އިނގިއްޖެތަ؟ މި ބުނީނު ހުއްޓާލާށޭ."
ދެބުމަ ގޮށްޖަހައިގެން ހުރެ ރުޅިވެރި ވައްތަރުތައް މޫނު މައްޗަށާއި އަނގަ މައްޗަށް ޖައްސަމުން އަޒްކާ ވާހަކަ ދެއްކި އިރު އޭނާގެ އަޑަށް އަންނަމުން ދިޔަ ބަދަލުތައް އެތާ ތިބި އެންމެންނަށް ވެސް ފާހަގަ ކުރެވުނެވެ. ދޭތެރެއަކުން ވާހަކަ ދައްކާ އިރު އަޒްކާގެ އަޑާ ވައްތަރުވިޔަސް އަނެއްބައި ފަހަރު ވާހަކަ ދައްކާއިރު އެތައް ބައެއްގެ އަޑު އެއްވެގެން އަންނަ ކަހަލަ ގޮތަކަށް އަޒްކާގެ އަޑު ހުންނަނީ ބަދަލުވެފައެވެ.
މޭ ފުއްޕާލާފައި ކަރު ދެއަތަށް އަނބުރާލަމުން އޭނާ ރާއިދުއާ ދިމާއަށް ބަލާލި އިރު ހަރަކާތްތައް ހުރީ ފިރިހެނޭކޭ ދާދި އެއްގޮތަކަށެވެ. ރާއިދު ކިޔަވަމުން ދިޔަ އާޔާތް ނިންމާލުމަށްފަހު ކުރިއަށް ޖެހި ވާހަކަ ދައްކަން ފެށުމުގެ ކުރިން އަތުން ހިފަހައްޓައިގެން އިން ފެންތަށީގައި ބާރަށް ހިފަހައްޓާލަމުން ފުން ނޭވާއެއް އެތެރެކޮށްލީ މީހާ ހަމަޖެހިލާށެވެ. އަޒްކާގެ ވާހަކަ ދެއްކުމުން ވެސް މިވަގުތު އެއީ އަޒްކާ ނޫން ކަން ރާއިދުއަށް އެނގެއެވެ. އެމީހުން ބޭނުންވާ މީހާ އެތަނަށް ހާޒިރުވުމުން ކަންތައް ގޮސްދާނެ ހިސާބަކާ ދޭތެރޭ ވިސްނާލަމުން ރާއިދު އަތުން ހިފަހައްޓައިގެން އިން ތައްޓާ ދިމާއަށް ބަލާލިއެވެ. "ތީ ކާކު؟... ނަން ބުނޭ... ކަލެއަށް ކިޔަނީ ކޮން ނަމެއް؟..."
ބަރު އަޑުން އަޒްކާ ހޭން ފެށިއިރު އޭނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އަޒްކާގެ ހަށިގަނޑުގައި ހިނގަމުން ދިޔައީ ލިވިއަސްގެ ބާރެވެ. ލިވިއަސްއަށް ހިމާޔަތުގެ އަތެއް ފޯރުކޮށްދޭނެ ފަރާތެއް އެތަނަށް އަންނާނެ ކަމުގެ ފޮނި އުންމީދު އިނުމުން އޭނާ އިނީ ވަރަށް ފޮނިވެފައެވެ. އިންސާނުންނަށް އެމީހުންގެ ނިކަމެތިކަން އިހްސާސްކޮށްދިނުމަށް ލިބުނު ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާލަން އަޒުމް ކަނޑައަޅައިގެންނެވެ.
ކުއްލިއަކަށް އިވިގެން ދިޔައީ އެގޭގެ ފުރާޅު މައްޗަށް އެއްޗެހިތަކެއް ފައިބައިގަތް ކަހަލަ ގަދަ އަޑު ފައްގަނޑެކެވެ. އެތާ ތިބި އެންމެން ކަހަލަ ގޮތަކަށް ސިއްސައިގެން ގޮސް ސީލިންގާ ދިމާއަށް ބަލާލީ އެ އިވުނު އަޑަށް ސަމާލުކަން ދެމުންނެވެ.
ލިވިއަސް މައްޗަށް ބަލާލީ އޭނާއަށް އެވީ ކިހިނެއްކަން އެނގިގެން ކަހަލަ ގޮތަކަށެވެ. ހިނިގަނޑެއް ޖަހާލަމުން އޭނާ ރާއިދާ ދިމާއަށް ބަލާލަމުން މޭ ފުއްޕާލިއެވެ. "އަހަރެން މީ ކާކުކަން ކަލޭ ކައިރީ ބުނާކަށް ނުޖެހޭނެ... ބުނެގެންވެސް މިރޭ ކަލޭމެންނަށް ފައިދާއެއް ނުކުރާނެ..."
ކިޔެވެލި ކިޔަވަން އިން އަސްރާރު ފުން ނޭވާއެއް އެތެރެކޮށްލަމުން ދެލޯ މަރާލީ އޭނާގެ ހަށިގަނޑަށް އާދަޔާހިލާފް ފިނިކަމެއް އިހްސާސް ކުރުމުންނެވެ. އޭނާގެ ގައިގާހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައިރު އޭނާއަށް ނުބައި ސިގުނަލެއް ލިބިއްޖެ ކަން ޔަގީންވުމުން މަރައިގެން އިން ދެލޯ ހުޅުވާލިއެވެ. އެ ކޮޓަރި ތެރެއަށް ބާރުގަދަ އެހެން ޖިންނިއެއް ހާޒިރުވެއްޖެ ކަމުގެ އިހްސާސް އަސްރާރަށް ކުރުމުން އޭނާ މަޑުމަޑުން ރާއިދުގެ އަތުގައި ކޮއްޓާލިއެވެ. ދެބުރަކަށް އަސްރާރު ކޮއްޓާލި ގޮތުން ވެގެން އުޅޭ ގޮތް ރާއިދަށް ނަގައިގަނެވުނެވެ.
"އޭ.. މިތަނަށް ކާކު އެ އައީ... ކަލޭގެ އާއިލާގެ މީހަކު މިތަނަށް އައިސްގެންތަ ތި ފުއްޕަނީ؟" ރާއިދު ރުޅިވެރިކަމާއެކީ ވާހަކަދެއްކީ ވަރަށް ހަރުކަށިކޮށެވެ.
"މިތަނަށް އައި މީހެއް ބަލަނީ ކީއްކުރަން... ތިއާލާތުން ދުވަސްދާން ކައިރި ވެއްޖޭއޭ ދެން ހީކޮށްލާ... މި ދެނީ އިންޒާރެއް.. ހަތިޔާރު ބަހައްޓާފަ ރައްކާވޭ... "
ލިވިއަސް ހުރީ އެންމެ ތަންކޮޅެއް ވެސް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ރާއިދުމެންގެ ފަހަތުގައި ހުރި ބިޔަ ހިޔަންޏާ ދިމާއަށް ލިވިއަސް ބަލާލީ އެމީހާ ލިވިއަސްއާ މުހާތަބުކޮށް ވާހަކަ ދައްކަން ފެށުމުންނެވެ. ކަޅި މައްޗަށް ނަގައިގެން ރާއިދުމެންގެ ބޯމަތިން ސީލިންގާ ދިމާއަށް އަޒްކާގެ ކަޅި ހުއްޓިފައިވާ ތަން އެތާ ތިބި މީހުންނަށް ފެނުނެވެ. ނަމަވެސް އެ ދެމެދުގައި ދެކެވެމުން ދިޔަ އެއްވެސް ވާހަކައެއް އެތާ ތިބި އެއްވެސް އިންސާނަކަށް ނީވެއެވެ. ކަމެއް ވާކަންވެސް ރޭކާ ނުލައެވެ.
އަޒްކާ އިނީ ގަބުވެފައި އެއްދިމާއަކަށް ބަލަހައްޓައިގެންނެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު އަޒްކާ ބިންމަތީ ވިއްދައިގެން އިން ދެއަތް މަޑުމަޑުން އިދިފުށަށް އެނބުރާލިއެވެ. އޭނާގެ ގަޔަށް ވަމުން ދިޔަ ތަދުތަކަށް ކެތްނުކުރެވި ހަޅޭއްލަވަން ފެށުމުން އޭނާގެ އަތް އަނބުރަނީ އަޒްކާގެ ގަޔަށް ބާރުފޯރުވަމުން ދިޔަ ޖިންނި ކަން އެނގުނެވެ. ދެއަތް އިދިފުށަށް އަނބުރާލި އިރު އަޒްކާގެ ކޮނޑުހުޅުން ހުޅު ނެއްޓުނު އަޑު ކިޔައިގެން ދިޔައެވެ. މަންޒަރު ބަލަން ތިބި މީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލީ ރާއިދާ ދިމާއަށެވެ. އަޒްކާގެ ހަށިގަނޑަށް ބާރު ފޯރުވަމުން ދިޔަ ޖިންނީގެ އުނދަގުލުން އެމީހުން ސަލާމަތްކުރުމަށް އަޒްކާގެ ދޮންބެ އާދޭސްކުރަން ފެށިއެވެ.
"އޭނާ ދޫކޮށްލާ... ކަލެއަށް އޭނަ ކޮން އުނދަގުލެއް ކޮށްގެން ތި އުޅޭނީ...." ވަމުންދާ ގޮތް ފެނި ރާއިދު ކޮންމެވެސް ވަރަކަށް ފަސްޖެހޭ ގޮތްވިއެވެ. ނަމަވެސް ހިތްވަރު ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ.
ލިވިއަސް ހިނިގަނޑެއް ޖަހާލަމުން ރާއިދުމެންގެ ފަހަތުގައި ހުރި ހިޔަންޏާ ދިމާއަށް ބަލާލީ އޭނާއަށް ކުރެވުނު ކަމަކުން އެތާ ތިބި އިންސާނުންނަށް ބިރު ދައްކާލެވުނީމައެވެ. ނަމަވެސް އެވަގުތު އެތާ ހުރި ހިޔަނީގެ ދެލޯ ރަތް ކުލައިން ދިއްލިގެން ދިޔަތަން ފެނުމުން ލިވިއަސް މަޑުޖެހުނެވެ.
ރާއިދުގެ އަތުގައި އިން ފެންތަށިން ފެންގޮއްޓެއް އަޒްކާގެ ގަޔަށް ބުރުއްސުވާލަމުން އޭނާ ކިޔަވަން ފެށީ އަޒްކާގެ ހަށިގަނޑަށް ބާރު ފޯރުވަމުން ދިޔަ ނުބައި ޖިންނި ކިޔަމަން ނުވާނެތީއެވެ. އަޒްކާގެ ގައިގާ އެ ފެން ޖެހުމާ އެކީ ރޮއެ މަރަށް ތެޅޭހެން މީހާ ތެޅެން ފެށިއެވެ. ބޮޑާކަން ދައްކަމުން ދިޔަ ލިވިއަސްގެ ހަށިގަނޑުގައި އަޅަން ފެށި ވޭނަށް ކެތްނުވެގެން އުޅެން ފެށީ އެހިސާބުންނެވެ. މަދަދަށް އެދި ރާއިދުގެ ބިތްދޮށުގައި ހުރި ހިޔަންޏާ ދިމާއަށް ލިވިއަސް އަތް ދިއްކޮށްލިއެވެ.
އެތާ ތިބި މީހުންނަށް ފެނުނީ އަޒްކާގެ އަތް ކުރިއަށް ދިއްކޮށްގެން އިން ތަނެވެ. އެ ހިޔަނި އަޒްކާގެ އަތުގައި ހިފިތަނެއް އެތާ ތިބި މީހުންނަކަށް ނުފެނެއެވެ. ވޭނީ އަޑަކުން އަޒްކާ ހަޅޭއްލަވަން އަނގަ ތަންމިނަށް ހުޅުވާލި އިރު އޭނާގެ ހަށިގަނޑު ވަނީ އިދިފުށަށް ދަމައިގެންފައެވެ. އެތާ ތިބި މީހުން އަޒްކާގެ ހަށިގަނޑުގައި ހިފަހައްޓަން ގާތްވެލިއެވެ. މޫސައާ އަޒްކާގެ ދޮންބެއާ އަދި އިތުރު ދެ ފިރިހެނުން ތިއްބެވެ. އެމީހުންނަށް އަޒްކާގެ ހަށިގަނޑުގައި ހިފެހެއްޓެނީ ހަމަ ކިރިއާއެވެ. ހަތަރު ފިރިހެނުންނަށްވެސް އަޒްކާ މައިތިރި ކުރެވޭ ވަރަށް ވުރެ އޭނާގެ ބާރު ގަދައެވެ.
އޭރު އަޒްކާގެ އަނގައި ތެރެއިން ކަޅުކަން ގަދަ ދުންގަނޑެއްހެން ލިވިއަސް ނުކުމެގެން ދިޔައިރު އެތާ ތިބި މީހުންނަށް އެ މަންޒަރެއް ނުފެނެއެވެ. އަޒްކާގެ ހަޅޭކުގެ އަޑު ކެނޑުނު އިރު އޭނާ ހަބަރު ހުސްވެ އެތަނަށް ވެއްޓުނެވެ.
ލިވިއަސް ގެންދިޔައީ އެތަނަށް ހާޒިރުވި ބާރުގަދަ އަނެއް ޖިންނިއެވެ. އޭނާ ބޭނުންވީ ލިވިއަސް އެތަނުން ސަލާމަތްކޮށްގެން ގެންދާށެވެ. ކޮންމެ ފަހަރަކު މިކަހަލަ މަޅިއެއްގައި ލިވިއަސް ބަނދެވުމުން އޭނާއަށް ޖެހެނީ ލިވިއަސް ސަލާމަތްކުރަން އަންނާށެވެ. އެގޭ ގޯތިތެރޭގައި ތިބި ދެ އިފްރީތު ބިމުން މައްޗަށް އުދުއްސައިގެން ދިޔައީ އިތުރަށް އެތާ މަޑުކުރުމަކީ ބުއްދިވެރިކަމަކަށް ނުވާނެތީއެވެ. ފަޒާގެ ތެރެއިން އެ ދެ އަލިފާން ގުޅަ ދަތުރުކުރަމުން ދިޔައިރު ހީވަނީ ދުރުން ފެންނަ ދެ ގިނި ހިލަހެންނެވެ.
*** *** *** *** *** *** ***
ދެލޯ ބޮޑުކޮށްލަމުން އޭނާ ލޯ ހުޅުވާލީ، ވަގުތު އައިސް ޖެހިއްޖެކަން އިހްސާސް ވުމުންނެވެ. "ބަވޭޝް ސްވާމީ" ގެ ރަތްވެފައިވާ ދެލޯ ބޮޑުކޮށްގެން ހުރެ އޭނާ ނިދަން އޮތް އަށިމަތިން ތެދުވިއެވެ. އޭނާގެ ހަށިގަނޑުގައި ވަށާ އޮޅާފައިވާ އޮރެންޖު ކުލައިގެ ފޮށާގަނޑު ވަނީ ހިރަފުހުން ތަތް ތެޅިފައެވެ. ހިރަފުހާ ކިލައިން ފުރިފައި ހުރި އިރު އޭނާގެ ފައި ހީވަނީ ހަންބޯވެ ފަޅަފަޅައިގެން ގޮސްފައި ހުރިހެންނެވެ. ހުސްފައިގައި ހިނގަމުން ދިޔަ ބަވޭޝްގެ އަތުގައި އޮތް އަސާގަނޑު ޖައްސަމުން ހަރުފަތްތަކުން ތިރިއަށް ފޭބީ އެ ހޮހޮޅައިން ބޭރަށް ނުކުތުމަށެވެ.
ފަރުބަދައެއްގެ ހޮހޮޅައެއްހެން ވާ އެތަން ވަނީ ހިންދޫއިން އަޅުކަންކުރާ ބުދާއި މާމަލުން ޖަރީކޮށްފައެވެ. އެތަނުން ބަވޭޝް ބޭރަށް ނުކުމެ ފަޒާގެ ތެރެއަށް ބަލާލިއެވެ. ފަޒާގެ ތެރެއިން ދެ ގިނި ހިލަ ދަތުރު ކުރަމުން ދިޔަތަން ފެނި ބަވޭޝްގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
ބޭރުގައި ހުރި ތިރި ގޮނޑިއެއްގައި އޭނާ އިށީނީ ދެފައި ކުރުކޮށްލަމުންނެވެ. އޭރު އެތަނުގައި ތިބި ބަޔަކު ކިޔަވަމުން ދިޔަ ކިޔެވެލީގެ އަޑު އެ ސަރަހައްދުގައި އެއް އަޑެއްހެން ގުގުމަމުން ދިޔައެވެ. އޭނާގެ އުނަގަނޑުން ތިރީގައި އަނދެފައިވާ އޮރެންޖު ފޮތިގަނޑު ގެނެސް ކޮނޑުމަތިން ހުރަހަށް ވަނީ ފަހަތަށް ވާނެހެން އެއްލާފައެވެ. މޭމަތިން ފެށިގެން ފޫޅާ ދެމެ ފޮރުވޭ ވަރަށް އޭނާގެ ކަރުގައި ވަނީ މިނާފަތިތަކެއް އަޅާފައެވެ. އޭނާގެ ހަށިގަނޑަށް ގެންނަ ކޮންމެ ގުޑުމަކާއެކު އެ ފަށްތައް ހެލޭ އަޑު އިވި އިވި ހުއްޓެވެ.
އެތަނުގައި ހަމަޖެހިލައިގެން އޭނާ އިށީނދެ ދެއަތް ދެއަތާ ޖޯޑުކޮށްގެން އިނީ ހިންދޫ މީހުން އަޅުކަންކުރަން ތިބޭ ފަދަ ގޮތަކަށެވެ. ބަވޭޝް ތުންތަޅުވަމުން ކިޔެވެލިތަކެއް ކިޔަވަން ފެށިއިރު އޭނަގެ ދެލޯ މަރާ ބާރުކޮށްލިއެވެ. ދެން އެތަނަށް އޮރެންޖު ފޮތިން ސާޅި ބަނދެގެން ތިބި އަންހެނުންތަކެއް ބަނޑިޔާތަކެއް ބޯމައްޗަށް ލައިގެން އައިސް ބަވޭޝް ސްވާމީ ވަށައިގެން ހުއްޓުނެވެ.
ބަވޭޝްގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ވަނީ ފުސްބުރާފައެވެ. ތުނބިޅިއާއި އިސްތަށިގަނޑު ދިގު ކަމުން މީހާގެ ސިފަ ހުތުރުވެފައި މުޑުދާރުކަން ފެނެއެވެ. ނިތްކުރިމަތީގައި ހުދުކުލައިން ތިން ރޮނގުބުރި ހުރަހަށް ދަމާފައި ހުރި އިރު އެ ރޮނގުބުރި މަތިން ނިތްކުރިމަތީގައި ވަނީ ރަތް ރޮނގުބުރިއެއް ދެބުމަ ދޭތެރެއިން ފެށިގެން މައްޗަށް ވާނެހެން ދަމާލާފައެވެ.
ބަނޑިޔާތައް ހިފައިގެން އެތަނަށް އައި އަންހެނުންތައް ތިބީ އޮރެންޖް ސާޅީން އެމީހުންގެ އިސްތަށިގަނޑު ނިވާކޮށްގެންނެވެ. އެމީހުންގެ މޫނުވެސް ނުފެންނަވަރަށް ބޯމައްޗަށް އެއްލާފައިވާ ފޮތިގަނޑު ވަނީ މޫނު މައްޗަށް ވެއްޓިފައެވެ. އެމީހުން ހިފައިގެން ތިބި ބަނޑިޔާތައް އުފުލާލަމުން ފަހަރަކު މީހަކު ބަވޭޝްގެ ބޮލަށް އެ ބަނޑިޔާގައި ހުރި ކިރުތައް އޮއްސާލިއެވެ. ބަވޭޝްގެ ގައިން ފައިބަމުން ދިޔަ ކިރުތަކުން އެ ސަރަހައްދުގައި ދިޔައީ ކިރުގެ ކޯރެއް އުފެދެމުންނެވެ.
ހޮރަކުން ނުކުމެގެން އައި ހަރުފަތައް އެ ކިރުތަކުގެ ތެރެއަށް ވަދެ ބަވޭޝްގެ ފައިބުޑަށް އައިސް ހުއްޓި ކޮޅަށް ޖެހިގެން ތިބި އިރު އެ އެއްޗެތި ތިބީ ސީދާ ބަވޭޝް ސުވާމީގެ މޫނަށް ބަލާށެވެ. ބޮލުން ފައިބަމުން ދިޔަ ކިރުތައް އޭރުވެސް ބަވޭޝްގެ މޫނުމައްޗަށް އެޅެމުން ދިޔައެވެ. މަޑުމަޑުން ބަވޭޝް ލޯ ހުޅުވާލި އިރު އޭނާގެ ކުރިމަތީ ކޮޅަށް ތިބި ތިން ހަރުފަ ފެނުމުން އޭނާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.
*** *** *** *** *** ***
ގަޔަށް ލެވުނު ބާރެއްލާ ދެއަތާއި ފަޔަށް ލުކި ޖަހަމުން މަންޝާ އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ދިޔައީ އޭނާގެ އާދޭހުގެ އަޑުތައް މީހެއްގެ ކަންފަތަށް ވާސިލްވާނެ ކަމުގެ އުންމީދުގައެވެ. އެކަނިވެރިކަމާއި ބިރުވެރިކަން ހިތުގައި އަށަގެންފައި ވަނީ އިންތިހާއަށެވެ. އަނދިރިކަމުން ފުރިގެންވާ އެ މާހައުލަށް މަންޝާ ނަޒަރު ހިންގާލަމުން ފަޔަށް ބާރުލާ ފިޔަވަޅެއް ކުރިއަށް އަޅަން މަސައްކަތް ކުރީ އޭނާގެ ފައިގައި ޖަހާފައިވާ ދަގަނޑު ބޮޑު ޗެންޗޭނުގަނޑުން މިންޖުވާން ބޭނުންވެފައި ހުރުމުންނެވެ. ހިތްވަރުކޮށްފައި ފައިތިލަ ބިންމަތިން ހިއްލާލެވޭ ގޮތް ނުވުމުން ދެން އޭނާގެ ފައިތިލަ ދަމަމުން ކަހަލަ ގޮތަކަށް ކުރިއަށް ދާން މަސައްކަތް ކުރިއެވެ.
އޭނާއަށް ހުރެވުނީ ކޮންތާކު ހެއްޔެވެ؟ އެތަނަށް އޭނާ އައީ ކިހިނެއްހެއްޔެވެ؟ މިފަދަ ނުބައި ގޮތަކަށް ހައްޔަރުކޮށްފައި އަނދިރިކަމުގެ ތެރޭގައި އޭނާ ބަހައްޓަން ޖެހުނު ސަބަބު މަންޝާ ހޯދަން ބޭނުންވިއެވެ.
މަންޝާއަށް ރޮއެ ގަނެވުނެވެ. އޭނާގެ އަޑު އެ ސަރަހައްދުގައި ގުގުމަމުން ދިޔައެވެ. އެ ތަނަކީ ބަންދު ތަނެއް ކަމުން އަޑު އެއްވަރަކަށް ގުގުމަމުން ދިޔަކަން މަންޝާއަށް ފާހަގަވިއެވެ. ރޮމުން ދިޔަ މަންޝާ ބިންމައްޗަށް ތިރިވި އިރު އޭނާގެ ދެއަތް ކުރިއަށް ދިއްކޮށްލިއެވެ. ދެއަތުގެ ކުޑަހުޅުގައި އަޅުވާފައިވާ ދަގަނޑު ތަނޑުގަނޑެއް ޒާތުގެ އެއްޗަށް ބަލާލެވުނީ ގޮތް ހުސްވެފައިވާ ހާލުގައެވެ. އެ ތަނޑުގަނޑުގައި ހަރުކޮށްފައިވާ ޗޭނުގަނޑުގެ ބަރާއެކު އޭނާގެ ދެއަތް މައްޗަށް އުފުލާލެވެނީ ހިތްވަރުންނެވެ.
ހިތުގައި އަށަގަންނަމުން ދިޔަ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ދާހިތްލާ ފޯވެފައި އިން މަންޝާ ދެއަތަށް ބޯހޫރުވަމުން ދިޔައީ އެ ހައްޔަރުން އޭނާއަށް ސަލާމަތް ނުވެވޭނެ ކަން އެނގުމުންނެވެ. މުޅި މީހާ އޭރުވަނީ ދާހިއްލާ ތެމިފޯވެފައެވެ. ދެއަތަށް ބޯހޫރުވަމުން ދިޔަ މަންޝާ ހިމޭންވެ އޭނާގެ ރުއިން ހަމައަކަށް އަޅުވަން މަސައްކަތްކުރީ ދުރުން އައިސް އޭނާގެ ކަންފަތުގައި ޖެހުނު އަޑުންނެވެ.
އެ އަޑަކީ ބާވެފައިވާ ދޮރެއް ހުޅުވޭއިރު ގޮވާ ޒާތުގެ އަޑެކެވެ. އިތުރު އަޑެއް އިވޭނެކަމަށް ސަމާލުކަން ދީގެން އޭނާ އިނީ އެ އިން ތަނުން ގުޑިލަންވެސް ނުކެރިފައެވެ. ވާން އުޅެނީ ކިހާވަރެއްގެ ކަމެއްކަން އޭނާއަށް ނޭނގުނު ނަމަވެސް އިންތިހާ ދަރަޖައަށް އޭނާ ވަނީ ބިރުގެންފައެވެ. ނޭވާ ކުރުވެ ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ.
ފައި ކާއްތަމުން ކަހަލަ ގޮތަކަށް ހިނގާފައި އަންނަ މީހެއްގެ ފިޔަވަޅުތަކެއްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ފަހަރެއް ފަހަރެއް އެ އަޑު އައީ ގާތްވަމުންނެވެ. ދެން އިވުނީ ދަގަނޑު އެއްޗެއްގައި ޖެހިގެން އަޑެވެ. އެ އަޑު އެކި ގޮތްގޮތަށް މަންޝާއަށް އިވެމުން ގޮސް ދެން ފާހަގަވީ އެތަނުން ދޮރެއް ހުޅުވެން ފެށިތަނެވެ. ހުޅުވެމުން ދިޔަ ދޮރުން އެތަނަށް އަލިކަމެއް ފާޅުވަމުން ދިޔައިރު އެ އަލިކަން އެޅެމުން ދިޔައީ މަންޝާގެ މޫނަށެވެ. ކުއްލިއަކަށް މޫނު މައްޗަށް އަލިކަމެއް ވުމުން ދެލޯ ހަނިކޮށްލަމުން މަންޝާ އިސްޖާހާލި އިރު އޭނާގެ ހޭވިފައިވާ އިސްތަށިތައް މޫނު މައްޗަށް ވެއްޓުނެވެ.
ހުޅުވުނު ދޮރުން ވަންނަމުން ދިޔަ އަލިކަމާއި މަންޝާއާ ދެމެދުގެ ހުރަހަކަށް ވީ ކަޅު އަނދިރިގަނޑެއް ހެން ހުރި މީހާއެވެ. އެމީހާ އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅުވެސް މަންޝާއަށް ޔަގީންވީ ފައިކާއްތާލި އަޑު ކަންފަތުގައި ޖެހުމުންނެވެ. އިސް އުފުލާލަމުން އެމީހާއާ ދިމާއަށް މަންޝާ ބަލާލީ ޖެހިލުންވެ އިނދެއެވެ. އެވަގުތު އަނދިރި ހިޔަންޏެއް ހެން އެތަނުގައި ހުރި މީހާގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔަތަން ފެނި މަންޝާއަށް ހަޅޭއްލަވައި ގަނެވުނެވެ.
*** *** *** *** *** ***
މޫނު މައްޗަށް އަތް ހުރަސްކޮށްލަމުން މަންޝާ ލޯ ހުޅުވާލީ އޭނާގެ މޫނަށް އެޅިފައިވާ އިރުގެ ދޯދިން އުނދަގޫ ވާތީއެވެ. ކޮޓަރީ ކުޑަ ދޮރު ކައިރީ ހުއްޓިގެން ހުރި ޝީންއާ ދިމާއަށް ބަލާލަމުން މަންޝާ އެނދުން ތެދުވަން މަސައްކަތް ކުރަމުން މޯޅިއަކަށް ދެމިލިއެވެ.
ދެންމެ ފެނުނު ހުވަފެން ހަނދާން ވުމުން އޭނާއަށް މޯޅިއަށް ދެމިލަން އުފުލާލި ދެއަތުގެ މުލަށް ދަނޑިއަށް ބަލާލެވުނީ ޖެހިލުންވެ ހުރެއެވެ. އޭނާއަށް އެ ފެނުނު ހުވަފެނަކީ ދޭތެރެއަކުން ފެންނަ ހުވަފެނެކެވެ. އޭނާގެ އަތުގައި ޗޭންޖަހާފައި ހުންނަތަން ހުވަފެނުން ފެންނަ ކޮންމެ ފަހަރަކު އޭނާގެ އަތަށާއި ފަޔަށް އެ ދުވަހަކު ހުންނަނީ ބަރުވެފައެވެ.
ހިޔާލަކަށް ގެއްލިފައި އިން މަންޝާއަށް ކަމެއް ހަނދާންވީ ފާރުގައި ހަރުކޮށްފައި ހުރި ގަޑި ފެނުމުންނެވެ. ކައްޓެއް ޖެހިހެން އެނދުން ތެދުވެ އެނދުމަތީގައި އޮތް ފޯނަށް މަންޝާ ބަލާލީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ.
ފޯނުގެ ސްކްރީނަށް "ސްނޫޒް" އަރާފައިވާ ތަން ފެނި މަންޝާ ހައިރާންވިއެވެ. ފޯނު އެލާމްވެގެން ދިޔައިރުވެސް އޭނާއަށް ހޭ ނުލެވުނީމައެވެ. ފޯނުގެ ސްކްރީން އޮފް ކޮށްލުމަށްފަހު ފާހާނާއަށް ވަންނަން ދާން މަންޝާ ހިނގައިގަތެވެ. ތެޅެމުން ފޮޅެމުން ފާހާނާއަށް ވަންނަން ގޮސް ގޮސް ހުރި މަންޝާގެ ފިޔަވަޅު ކުއްލިއަކަށް މަޑުޖެހުނީ ރޭގައި އޭނާ ލިޔަން ގެންގުޅުނު ފޮތް ނަގަން މޭޒު ކައިރިއަށް ޝީން ޖެހިލިތަން ފެނުމުންނެވެ. ޝީންގެ ހަރަކާތް ހުރީ ސީދާ އެ ކަޅު ބަނޑޭރިގަނޑު ލީ ފޮތާ ދިމާއަށް ކަން މަންޝާއަށް ޔަގީންވިއެވެ. އެވަގުތު ޝީން ހުއްޓުވަން ހަދާނެ ގޮތަކާ މެދު މަންޝާ ވިސްނާލިއެވެ. އެ ފޮތުގައި އޭނާ ލިޔެފައިވާ އެއްވެސް އެއްޗެއް ޝީންއަށް ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ.
(ނުނިމޭ)
މި ވާހަކައިގެ ފުރަތަމަ ސީޒަން ކޮން ސައިޓަކުން ކިޔަން ލިބޭނީ؟
ވާހަ ކަ . ކޮމް
ނޫނޭވާ! އަދި މިވާހަ ކައިގައި މަންޝާ އުޅޭލެއް މަދު އަދި ފަސް ހަ މަންޝާ އިތުރުކޮއްލާ! ދެން މި ވާހަކަ ހަބޭސް. ޔޫ ނޯ ދެން ކަޑައީ މަންޝާ މަންޝާ ދޯ. ރަނގަޅުކޮއްލާ އެބައި