މާލެތެރޭގައި ބިދޭސީން ހިންގަމުންދާ މޭވާ އާއި ތަރުކާރީ މާރުކޭޓު ތަކަކީ ދިވެހިން އަޑީގައި ތިބެ، ގަވައިދާ ހިލާފަށް ހިންގާ ތަންތަން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔާ، ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ މާލެ ތެރޭގެ ތަންތަނުގައި ހުޅުވާފައިވާ މާރުކޭޓު ތަކަކީ މާލޭ ސިޓީ ކައުންސިލްގެ ހުއްދަ އޮވެގެން ހިންގާ ތަންތަން ނޫން ކަމަށާއި ކައުންސިލުން ހިންގާ ހަމައެކަނި މާރުކޭޓަކީ މާލޭގެ ލޯކަލް މާރުކޭޓު ކަމަށެވެ.

ނަމަވެސް މިދިޔަ ރޯދަމަހު މާލޭ ތެރޭގެ އެއް މާރުކޭޓަށް ހުއްދަ ދެއްވާފައި ވާނެ ކަމަށާއި ނަމަވެސް ރޯދަމަސް ނިމުމުން ބަންދުކުރަން އެންގުމުން ޓްރޭޑް ހުއްދަ އެއް އޮތް ކަމަށް ބުނެ ވިޔަފާރި ކުރިއަށް ގެންދަނީ ކަމަށް ޝިފާ ފާހަގަ ކުރެއްވިއެވެ. އަދި އެފަދަ ތަންތަން ހިންގާ މީހުންގެ އަތުގައި ސިޓީ ކައުންސިލްގެ ހުއްދަ ނޯންނާނެ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މާލޭގަ ސިޓީ ކައުންސިލުން ހިންގާ ހަމައެކަނި މާރްކޭޓަކީ ލޯކަލް މާރްކޭޓް، ދެން މި ތަންތަނުގަ ހިންގާ މާރްކޭޓް ތަކަކީ އެއްވެސް އިރެއްގައި ކައުންސިލްގެ ހުައްދަ އޮވެގެން ހިންގާ ތަންތަނެއް ނޫން، ހަމައެނަކި އެންމެ ތަނަކަށް ރޯދަމަހަށް އެކަނި އަޅުގަނޑުމެން އެ ފުރުސަތު ދޫކޮށްލީ، ރޯދަމަސް ނިމިގެން ބަންދުކުރަން އެންގީމަ މިހާރު ބުނަނީ ސްޓޭޓް މިނިސްޓްރީން "ސްޓޭޓް ހުއްދަ" އެއް އެބަ އޮތޭ ތިމަންނަމެން އަތުގަ، ހަދާ ގޮތަކީ ޓްރޭޑް ހުއްދައެއް ނަގާފަ، އެފަދަ ތަންތަނުގަ ކަންކަން ކުރަމުން މި ގެންދަނީ
މޭޔަރު ޝިފާ

އެކަމާ ފިޔަވަޅެއް އެޅުއްވުމުގެ އެއްވެސް ވިސްނުމެއް ގެންގުޅުއްވަންތޯ ސުވާލު ކުރުމުން ޝިފާ ވިދާޅުވީ މިހާރު ޓްރޭޑުގައި ރަޖިސްޓާ ކުރުމުން ވިޔަފާރި ކުރުމުގެ ހުއްދަ ލިބޭ ކަމަށާއި ނަމަވެސް ކުރީގައި ކައުންސިލުން އެތަނެއް ބަލާ ޗެކްކޮށް ފާސްކުރުމަށް ފަހު ނޫނީ އެތަނެއްގައި ވިޔަފާރީއެއް ނުފެށޭނެ ކަމަށެވެ. އެގޮތުން ކުރީގެ މުނިސިޕަލްޓީ ދައުރުއްސުރެ ތަނެއްގައި ވިޔަފާރި ކުރެވޭނީ ސިޓީ ކައުންސިލްގެ ހުއްދައެއް އޮވެގެން ކަމަށާއި އެ ހުއްދަ ފިހާރައިގައި ފެންނަ ގޮތައް ބަހައްޓަން ޖެހޭ ކަމަށްވެސް އޭނާ ވިދާލުވިއެވެ. ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ސިޓީ ކައުންސިލްގެ ބަހެއް ނެތަސް ނަންބޯޑު ޖަހާލާފައި އޮފީސްތައްވެސް ހުޅުވައިގެން އުޅޭ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޓްރޭޑް ހުއްދައާއެކު މިހާރު ވިޔަފާރި ކުރަމުންދާ ތަންތަން ގިނަވެފައިވާ ކަމަށާއި އެކަން މާލޭ ސިޓީ ކައުންސިލްގެ ސަމާލު ކަމަށް އައިސްފައިވާ ކަން ޝިފާ ފާހަގަ ކުރެއްވިއެވެ. އަދި ފުލުހުންނާއި ކައުންސިލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން، އެގޮތައް ވިޔަފާރި ކުރުން ހުއްޓުވަން ޖެހޭ ކަމަށް ޝިފާ ވިދާޅުވިއެވެ.

ކޮވިޑް-19އިން ރައްކާތެރި ވުމަށް ލޯކަލް މާރްކޭޓް ބަންދުކުރުމުން ބައެއް މީހުން ނުކުމެ "ގޯ ޑައުން" ތައް މާރުކޭޓް ތަކަށް ބަދަލު ކޮށްފައިވާ ކަމަށާއި އެއީ ސިޓީ ކައުންސި؛ލްގެ ހުއްދައާ ނުލާ ކުރަމުން ދާ ކަންތައްތަކެއް ކަމަށް ޝިފާ ވިދާޅުވިއެވެ. ޝިފާ ވިދާޅުވީ އެގޮތައް މާރުކޭޓުތައް ހިންގާ ސަބަބެއް ކަމަށް ގަބޫލު ކުރައްވަނީ އެއީ ސިޓީ ކައުންސިލްގެ ހުއްދައާ ނުލާ މިހާރު ޓްރޭޑް ހުއްދަ ލިބޭތީ ކަމަށެވެ. ޝިފާ ވިދާޅުވީ މިފަދަ ކަންކަމަކީ ކައުންސިލުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށާއި، ހެދިފައިވާ ގާނޫނުތަކަށް ބޯ ލަނބަން ޖެހޭ ކަމަށެވެ. މިފަދައިން ގަވައިދާ ހިލާފަށް ހިންގާ ކަންކަމަކީ ދިވެއްސަކު އަޑީގައި ހުރެގެން ކުރުވާ ކަންކަން ކަމަށް ޝިފާ ވިދާޅުވިއެވެ.

މިއިން ކޮންމެ ވިޔަފާރިއެއް މި ކުރެވެނީ ދިވެހި މީހަކު އަޑީގަ ހުރެގެން، އެހެން ނޫނީ ކިހިނެއްތޯ ބިދޭސީއަކު ފިހާރައެއްގެ ކުރިމަތީގަ ހުރެގެން ކުރުނބާ ވިއްކާނީ،
މޭޔަރު ޝިފާ

ކޮވިޑް އައުމުގެ ކުރިން އެކަމަށް ރައްކާތެރުވުމުގެ ގޮތުން ބިދޭސީން އުޅޭ ތަންތަން ބަލަން ފަށާފައި ވާނެ ކަމަށާއި ސަރުކާރުގެ އެކަމާ ގުޅޭ ހުރިހާ އިދާރާއެއްގެ ސަމާލުކަމަށް ގެނެސް، އެކަމުން ނުކުމެދާނެ ނަތީޖާއެއްގެ ކަންބޮޑުވުންވެސް ފާޅު ކުރައްވައިފައިވާނެ ކަމަށެވެ.

ގާނޫނު އެބަ އޮވޭ ބިދޭސީންނަށް ކޭޝިއަރުންގެ ގޮތުގަ ނުތިބެވޭނެ ކަމަށް، އެއްވެސް އެހެން ފަރާތަކުން ނޫޅޭ ހަގީގަތުގަ ގާނޫނު ތަންފީޒު ކުރާކަށް، ސިޓީ ކައުންސިލްގެ ފަރާތުން އަޅުގަނޑު ވަރަށް ކަންބޮޑުވޭ، ލޯކަލް މާރްކޭޓް ގާނޫނުގެ ތެރެއަށް ވައްދަން އުޅޭތީ، މިކަމާ ހިތްހަމަ ނުޖެހޭ މީހުންވެސް އެބަ އުޅޭ، މީގެ އެއް އަހަރު ކުރިން އަޅުގަނޑުމެން އޮންނާނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މިކަމުން ނުކުމެދާނެ ނަތީޖާއަކަށް ކަންބޮޑުވުމުގެ ވާހަކަ ހިއްސާކޮށްފަ، ހުރިހާ މުއައްސަސާ ތަކުގެ ސަމާލުކަމަށް ގެނެސްފަ ވާނީ
މޭޔަރު ޝިފާ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިއު ނޯމަލްގައި އަމަލު ކުރާ އުސޫލުތަކާ އެއްގޮތައް އަމަލު ކުރޭތޯ ބެލުމަށް އެޗްޕީއޭއާ ކަމާބެހޭ ފަރާތްތަކުން އޮޕަރޭޝަނެއް މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ސިޓީކައުންސިލާއި ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގެ ވާހަކަ ދައްކަމުން ޝިފާ ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ތަނުގެ ސާފުތާހިރުކަމާ އެފަދަ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.