އުމުރުން 32 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:48 ހާއިރު ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ސީސީޓީވީ ކެމެރާތަކުގެ އެހީގައި އަދި އެހެނިހެން ގޮތްގޮތުން ފުލުހުން ކުރަމުންދާ ކަމަށް ބުނެއެވެ. ފުލުހުން ބުނީ، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މާލޭގައާއި ހުޅުމާލޭގައި އޭނާ އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ މަޖީދިއްޔާ ސްކޫލުގެ ޓީޗަރެކެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މީޑިއާތަކުގައި ގެއްލިގެން ހޯދާ މީހާގެ މައުލޫމާތު ހާމަކޮށް ގެއްލިގެން ހޯދަން އިއުލާން ކުރަން ބޭނުން ނުވާކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.