ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ދެ ފިރިހެނަކުވެގެން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވާގޮތް ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި ކޮމިޓީގައި ހިމެނޭ 3 މެންބަރުން އިސްތިއުފާ ދީފިއެވެ.

ކޮމިޓީގެ މުގައްރިއު، ދުވަސް ނޫހުގެ ޗީފް އެޑިޓަރު އަޒުމީ އަލީގެ އިސްތިއުފާގެ ސިޓީގައި، އޭނާ އިސްތިއުފާ ދެއްވަނީ ކޮމިޓީ އެކުލަވާލައި އެ ކޮމިޓީން ނިންމި ނިންމުމެއް ބަދަލު ކުރުމަށް އެމްއެމްސީގެ ރައީސް ހިދާޔަތުﷲ މަސައްކަތް ކުރައްވާ ނުފޫޒު ފޯރުއްވަން މަސައްކަތް ކުރެއްވުމުންނާއި، އަޒުމީއަށް ފޯނުން ގުޅުއްވައި އެ ކޮމިޓީގައި ދެން ތިއްބެވި ދެމެންބަރުން ކަމަށް ވާ އަހުމަދު ނާއިފާއި، ޔާމީން އިބްރާހިމްގެ ގޯސް ވާހަކަ ދައްކަވާފައި ވުމުން ކަން ފާހަގަ ކުރައްވާފައި ވެއެެވެ.

އަދި އެހެން މެންބަރުންގެ ގާތުގައި އަޒުމީއާއި ކޮމިޓީގައި ދެން ތިއްބެވި ބެންބަރުންގެ ގޯސް ވާހަކަ ދައްކަވާ މަސްލަހަތު ނަގާލަން ހިދާޔަތުﷲ މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުވެސް އަޒުމީ ވަނީ ކުރައްވާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލަކީ މީޑިއާތައް ތަމްސީލު ކުރާ 8 މެންބަރުންނާއި އާންމުންގެ ތެރެއިން ހޮވާ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް، ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބަލަދުވެރި ފަރާތުގެ ގޮތުގައި އުފައްދާފައި އޮންނަ މުއައްސަސާއެކެވެ.

ދާދި ފަހުން ސަފާރީގައި ހިނގާ ދިޔަ ޖިންސީ ގޯނާގެ މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން މައްސަލައިގެ ތެރެއަށް ވަދެ ކަން ހިނގާފައި ވާ ގޮތުގެ މައުލޫމާތު އެއްކުރަނީ ކަމަށް ބުނުމާއެކު، ސަފާރީ ކޭސްގެ ހަބަރުތައް ހާމަ ކުރި މިޑިއާތަކުން ހަގީގަތާ ހިލާފު މައުލޫމާތެއް ފެތުރިތޯ ބެލުމަށާއި، ހަދާ ގަވާއިދަކުން މީޑިއާތައް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ގޮތް ހެދުމަށް މީޑިއާ ކައުންސިލަށް ޖުލައި 1، 2020 ގައި ވަނީ އަމުރު ކޮށްފައެވެ.

އެކަމާ ގުޅިގެން މީޑިއާ ކައުންސިލުން ކޮމިޓީއެއް އެކުލަވާލައި މައްސަލަ ބަލަމުން ދިޔަ ކަމާއި، މީޑިއާތައް ޖޫރިމަނާ ކުރުމަށް ގަވާއިދެއް ހަދަމުން ދިޔަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީޑިއާ ކައުންސިލުގެ ކުޑަ ކޮމިޓީ އެއްކޮށް، އިސްތިއުފާ ދިނުމާ ގުޅޭ ގޮތުން އެ ކައުންސިލުން އަދި އެއްޗެއް ނުބުނެއެވެ.