ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ ހަބަރު ފަތުރާފައިވާ މީޑިއާތަކުގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

މިހެން އަންގާފައި ވަނީ ޑިރެކްޓާ ލީގަލް އެފެއާޒް ފާތިމަތު ޝައުފާ ސޮއި ކުރައްވާ މިމަހު 6 ވަނަ ދުވަހު ބްރޯޑްކޮމް އިން ނެރެފައިވާ ބަޔާނެއްގައިއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީގައި އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން "މެންދުރު އެމްވީ"ގައި ޝާއިރު ކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް "ޗެނަލް 13" އިން ތަކުރާރުކޮށް ގެނެސްދެމުން ދާތީ، އެ ރިޕޯޓް ޗެނަލް 13 އިން ބްރޮޑްކާސްޓް ކުރަމުން ދަނީ ތެދެއްކަން ކަށްވަރު ކޮށްގެންކަން ބަލާދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިމަހުގެ 2 ވަނަ ދުވަހު ކަމަށް ބުނެއެވެ.

ސަފާރީ ރޭޕްގެ މައްސަލަ ގެނެސްދިން މީޑިއާ ތަކުގެ މައްސަލަ ބަލަން ފަށާފައި ވާއިރު، މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާމެދު "މަނާކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ ދަށުން" ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދެއް އެކުލަވަލަން މަޖިލީހުގެ އިދާރާއިން މީޑިއާ ކައުންސިލަށް އަންގައިފައި ވަނީ މިއަދެވެ.

އޭގައި ބުނާގޮތުން ވަކި ގާނޫނެއްގެ ދަށުން ގާނޫނު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާނަމަ އެހެން ގޮތަކަށް އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައު ނުވާހާ ހިނދަކު ގަވާއިދާ ހިލާފުވެއްޖެނަމަަ ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އެގޮތުން، މަނާކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ ދަށުން 2000 ރުފިޔާއަށް ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިންގި ޖިންސީ ގޯނާގެ މައްސަލައަކީ، ރޭޕް ކޭސްއެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމުގައި ތުހުމަތުވާ މީހުން މަސްތުގެ ހާލުގައި ތިބި ކަމަށް ރިޕޯޓު ކޮށްފައި ވީނަމަވެސް، ފުލުހުން އެމީހުންގެ ސާމްޕަލެއް ނަގާ ޓެސްޓް ކޮށްފައެއް ނުވެއެވެ.