ޓޫރިޒަމް މިނިސްޓްރީގެ 12 ވަރަކަށް މުވައްޒަފުންނަށް މިނިސްޓަރު އަލީ ވަހީދު މަގާމުގައި ހުންނަވައިގެން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

'ދަޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު ކަމުގައި ހުންނަވައިގެން އަލީ ވަހީދު ވަނީ އެ މިނިސްޓްރީގައި މަސައްކަތް ކުރާ 12 ވަރަަކަށް އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރައްވާފައެވެ. މިއަދު ރައީސް އޮފީހަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ގޮސްފައި ވާއިރު އެ މުވައްޒަފުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފައެވެ.

އެ މުވައްޒަފުންގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވަންޓުން ހިމެނެއެވެ. އަދި ކޮވީޑް ޕެންޑެމިކްގައި ޓޫރިޒަމް މިނިސްޓްރީން ފްރަންޓްލައިންގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންވެސް ހިމެނެއެވެ.

މަސައްކަތުގެ މާހައުލުން އެ މުވައްޒަފުންނަށް ދިމާވި ކަންކަން ރައީސްއާ ހިއްސާ ކުރުމުން ރައީސް ސޯލިހް ވަނީ އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށްވެސް ވަނީ އެނގިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުން، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާކަމަށެވެ.

މަސައްކަތުގެ މާހައުލުން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އަލީ ވަހީދަށް ކޮށްފައިވާއިރު، މީގެ ކުރިން އަލީ ވަހީދާ ބެހޭ ގޮތުން ސޯޝަލްމީޑިއާގައި ވަނީ ގިނަ ތުހުމަތުތަކެއް ކުރެވިގެން ގޮސްފައެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އަލީ ވަހީދު ފޯނުން ގުޅުއްވާ ބޭއަދަބީ ވާހަކަ ދައްކަވާފައިވާ އެތައް އޯޑިއޯއެއް ވަނީ ލީކްވެގެން ގޮސްފައެވެ. އެމައްސަލަތައް ހޫނުވެގެން ދިޔަ އިރުވެސް، އޭނާ އިސްތިއުފާ ދެއްވަން ރައީސް އަންގަވާފައި ނުވާ އިރު، މިރޭ އިސްތިއުފާ ދެއްވަން އެންގެވީ، ޖެންޑާ އާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވެގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިގެ ސަރުކާރުގައި އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި ފުރަތަމަ ވަޒީރަކީ އަލީ ވަހީދެވެ.

ރައީސް ސޯލިހު ވަނީ ޖިންސީ ފުރައްސާރަ އާއި ޖިންސީ އަނިޔާއަށް އެމަނިކުފާނު ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ކަމަށް ވިދާޅުވެފައެވެ. އެފަދަ ކަމެއް ސަރުކާރުގެ ތެރޭގައި ހިނގާ ނަމަވެސް ފިޔަވަޅު އަޅުއްވާނެ ކަމަށާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.