ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެ އެޖެންސީން ނިއު ނޯމަލްގައި އަޅާފައިވާ އުސޫލުތަކާއި އެއްގޮތައް އަމަލު ކުރޭތޯ ބެލުމަށް އެޗްޕީއޭއާ ކަމާބެހޭ ފަރާތްތަކުން އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެޗްޕީއޭން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ނިއު ނޯމަލް އަށް ރުޖޫއަވުމަށްޓަކައި ދީފައިވާ ލުއިތަކާ އެކު، އާންމުންނަށް ހިދުމަތްދޭ ތަންތަނުން އަމަލުކުރުމަށް އެކުލަވާލި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ބެލުމަށް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން، ގްރޭޓާ މާލޭ ސަރަހައްދުގައި އޮޕަރޭޝަނެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އާންމު ހިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަަމާއެކު ހިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އެގޮތުން އެފަދަ ތަންތަނުން އާންމު ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭން ވާނީ، ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭން ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދާނީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި އާންމު ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، ޖިމް ނުވަތަ ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓު ފަދަ ތަންތަނުން އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ބެލުމަށް ކަމަށެވެ.

ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ހުޅުވާލާފައި ވާއިރު، ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅޭވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.