ޅ. އަތޮޅު ނައިފަރުގައި ކޮވިޑަށް ޓެސްޓް ކުރަން ހުރި މެޝިން ބ. އަތޮޅު އޭދަފުއްޓަށް ގެންގޮސްފިއެވެ.

މިކަމާ އެރަށުގެ މީހުން ކަންބޮޑުވުން ފާޅު ކުރުމުގެ އިތުރުން ޅ. އަތޮޅު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދުވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ، މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ޅ. އަތޮޅު ހޮސްޕިޓަލުގައި ހުރި ކޮވިޑް ޓެސްޓު ކުރާ މެޝިނަކީ އެރަށަށް މުހިއްމު އެއްޗެއް ކަމަށާއި އެ މެޝިން އެހެން ރަށަކަށް ނުގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގައި ހުރި މެޝިން އެހެން ރަށަކަށް ބަދަލު ކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޝިޔާމް ވަނީ މަޖިލީހުގެ ރައީސަށް އެޑްރެސްކުރައްވައި ސިޓީއެއްވެސް ފޮނުއްވާފައެވެ. އެ ސިޓީގައި ޝިޔާމް ވިދާޅުވީ، ޅ. ނައިފަރުގައި ހުރި ކޮވިޑް ޓެސްޓު ކުރާ މެޝިނަކީ ރާއްޖެއަށް ކޮވިޑް-19 އައުމުގެ މާ ކުރިން، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޑަބްލިއުއެޗްއޯއިން އެ ރަށަށް ހަދިޔާ ކޮށްފައިވާ މެޝިނެއް ކަމަށެވެ.

ޅ. އަތޮޅަކީ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނު އަތޮޅު ކަމަށާއި ގިނަ އަދަދެއްގެ ރިސޯޓުތައްވެސް ޅ. އަތޮޅުގައި ހުންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމުން އެންމެ ރިސްކް ބޮޑު އެއް ސަރަހައްދަކަށް ވެގެން ދާނީ ޅ. އަތޮޅު ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް ޓެސްޓް ކުރެވޭ މެޝިން އެހެން ރަށަކަށް ބަދަލު ކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން އެގޮތަށް ނުކުރެއްވުމަށް ޝިޔާމް އެދިވަޑައިގެންފައި ވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައި ވަނީ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު 2 ކޭސް އަށް ފަހުވެސް އެ ރިސޯޓުން ވަނީ އިތުރު ބަޔަކު ޕޮޒިޓިވް ވެފައެވެ.