މާފުށީގައި ޖިންސީގޯނާ ލިބުނު ކުއްޖެއްގެ މަންމަ ރައްޔިތުންގެ ޕްރެޝަރާހެދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ރަށުން ބާލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން މަސްދަރަކުން ބުނީ، އަންހެން މީހާ ރަށުން ބާލަން ރައްޔިތުން ގޮވަމުން، ފުލުހުންގެ ވެހިކަލްގެ ފަހަތުން ގޮސްފައި ވެއެވެ. އަދި ފުލުހުން ވަނީ އެއްވަމުން ދިޔަ މީހުނަށް ގާތް ނުވެވޭނެހެން އަތާ އަތް ގުޅާލައިގެން ބަންދު ކޮށްފައެވެ.

އުމުރުން 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މާފުށިން ވަނީ އުމުރުން ދުވަސްވީ، އޭނާ ދޮންބައްޕަ ހައްޔަރުކޮށް މާލެ ގެންގޮސްފައެވެ. އަދި އަނިޔާ ލިބުނު ކުއްޖާ ވަނީ މިއަދު ހަވީރު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިރޭ، މާފުށީގެ ގިނަ ބަޔަކު ކުއްޖާގެ މަންމަ ދިރިއުޅޭ ގެ ކައިރިއަށް އެއްވެ އިހުތިޖާޖު ކޮށް އޭނާ ރަށުން ބާލަން ގޮވަން ފެށުމުން ފުލުހުން އޭނާ ރަށުން ބޭލީ ދާދި ދެންމެއެވެ.

ފުލުހުން އޭނާ ގެންދިޔައީ ކޮންތާކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 10 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަން އެނގިފައި ވަނީ ކުއްޖާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުން ބެލި ބެލުމުންނެވެ. އެއާއެކު މާފުށީ ހޮސްޕިޓަލުން ވަނީ ޖެންޑާއާއި ޕޮލިހުންނަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެ ކުއްޖާއަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރަމުން ދާ ކަން މަންމައަށް އެނގޭ ކަމަށާއި އެކަމުގައި މަންމައާއި ބައްޕަވެސް ބައިވެރިވާ ކަަމަށް އެ ރަށު ބައެއް މީހުން ބުނެއެވެ.

ރަށުގެ ރައްޔިތުން މިއަދު އިރުއޮށްސުނު ފަހުން ކުއްޖާގެ މަންމަ އުޅޭ ގެ ދޮށަށް އެެއްވެފައި ވަނީ ކުއްޖާގެ ދޮންބައްޕަ އެކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު ހަވީރު 10 އަހަރުގެ ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިއުމުންނެވެ.