ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުމާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް މި އަހަރު ނުބާއްވާނެ ކަމަށެވެ. މި ނިންމެވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުންނާ ހިއްސާކުރައްވާފައި ކަމަށް ރައީށް އޮފީހުން ބުނެއެވެ.

ރައީސް ވިދާޅުވީ އެގޮތަށް ނިންމެވީ، ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެންނާއި، މި ބަލިމަޑުކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުން އަންނާތީ ކަމަށެވެ. އެހެން ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި، ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ރައީސް ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސް ސޯލިހް ވަނީ މިއަހަރު ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޖިލީހުގެ ލަފާ ހޯއްދަވާފައެވެ. އެގޮތުން މިއަހަރު ގައުމީ އިނާމާއި ހާއްސަ އިނާމު ދިނުމާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ގައުމީ އިނާމަށާއި ހާއްސަ އިނާމަށް އިއުލާނު ކުރުމަށާއި، ކޮވިޑުގެ ހާލަތު އޭރު އޮތް ގޮތެއްގެ މައްޗަށް ބަލައި، ހާލަތު ބަދަލުވެއްޖެނަމަ ގައުމީ ދުވަހުގެ ޖަލްސާއާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވާ އިނާމު ދޭގޮތަށް ހަމަޖެއްސެމަށް ވަނީ ނިންމާފައެވެ. އަދި ޖަލްސާ ބޭއްވޭ ގޮތް ނުވެއްޖެނަމަ، އެ ވަގުތުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު އިނާމު ދިނުމަށް ވެސް ރައީސް ނިންމެވިއެވެ.

ގައުމީ އިނާމު ދެނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ވާއިރު، ހާއްސަ އިނާމު ދެމުން އަންނަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައެވެ. ގައުމީ ދުވަސް ކަމަށްވާ އެކެއް ރަބީއުލްއައްވަލް މި އަހަރު ދިމާވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ.