ކައިރި މާޒީގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން އެންމެ ހައްދުފަހަނައަޅާފައިވާ އަނިޔާތައް ދީފައިވާ 49 ފަރާތަކާ ދެކޮޅަށް އިންގިރޭސިވިލާތުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފިއެވެ.

މި ނިންމުމާއެކު ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުވާ ފަރާތްތަކުގެ ތެރޭގައި 2009 ވަނަ އަހަރު ރަޝިއާގެ ވަކީލު ސަރްގެއި މެގްނިޓްސްކީ މަރާލި އަމަލު ހިންގި މީހުންނާ، ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ 2018 ވަނަ އަހަރު ގަތުލުކުރުމުގެ ޖަރީމާ ހިންގި މީހުންވެސް ހިމެނެއެވެ. މީގެ އިތުރުން ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ގަތުލު އާންމު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އަސްކަރީ ޖެނެރަލުންނާ، އުތުރު ކޮރެއާގެ ލާއިންސާނީ ޖަލުތަކުގައި ނޭދެވޭ އަމަލުތައް ހިންގަމުންދިޔަ 2 އޯގަނައިޒޭޝަނެއްވެސް ހިމެނެއެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނީކް ރާބް ވިދާޅުވީ، މިއީ އިނގިރޭސިވިލާތުން ދޭ ސާފު މެސެޖެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ނިންމުމާ ގުޅިގެން ރަޝިއާއިން ވަނީ ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އިނގިރޭސިވިލާތުގެ ފިޔަވަޅުތަކަކީ އެއްވެސް ބޭނުމެއް ނެތް ފިޔަވަޅުތަކެއް ކަމަށް ރަޝިއާއިން ސިފަ ކުރެއެވެ. މިއީ އިނގިރޭސިންނާ ރަޝިއާއާއި ދެމެދު އޮތް ގުޅުން ހަރުދަނާ ކޮށްދޭނެ ކަމެއް ނޫންކަމަށް އިނގިރޭސިވިލާތުގައި ހުންނަ ރަޝިއާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، މި ގިންތިއަށް ފެތޭ ފަރާތްތަކަށް އިނގިރޭސިވިލާތަށް ނޭރޭ ގޮތް ހެދުމާ، އިނގިރޭސިވިލާތުގެ އިގުތިސޯދީ އަދި މާލީ މަސްރަހުން އެއްވެސް ފައިދާއެއް ހާސިލު ނު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ.