ކޮވިޑް ޖެހުނު 64 މީހަކު މިއަދު ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިއަދު 64 މީހުން ކޮވިޑުން ރަނގަޅުވެ ފަރުވާ ދޭ މީހުންގެ އަދަދު 361 އަށް ދަށް ވެއްޖެއެވެ. މިއީ މި ފަހުން އެންމެ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ރަނގަޅުވި ދުވަހެވެ. މިއަދު ރަނގަޅުވި މީހުންނާއެކު މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދު ބޮޑުތަނުން ދަށް ވެފައި ވާއިރު މިއަދު 23 މީހަކަށް ކޮވިޑް ޖެހިފައިވެސް ވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 7 މީހުންނެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2491 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2113 އަށް އަރާފައެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 107 މީހުން އަދި އައިސޮލޭޝަންގައި ތިބީ 280 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 12 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 5 ބިދޭސީންނެވެ. 7 ދިވެހިންގެ ތެރޭގައި 3 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 80 އަހަރުގެ ދިވެހި އަންހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެކެވެ. މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.